އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް

އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް

Author
މުޙައްމަދު ޖިމީ
21 އޮގަސްޓް 2022 07:06
0

އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ނިންމާލެއްވުމަށް ވާހަކަފުޅު ދެއްކެވުމަށް ރައީސްއަށް ދެއްވި ފުރުޞަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބަރުލަމާނީއާއި ގުޅޭގޮތުން ހުށައަޅުއްވަން އުޅުއްވި ޤަރާރު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ވިދާޅުވެ މަރުޙަބާ ދަންނަވާފައެވެ.

 މިދިޔަ ދެ ދުވަހު ތެރޭގައި މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔައިރުވެސް މި ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގައި ހުރި. ނަމަވެސް މިއަދު ކޮންގްރެސް ނިމިގެން މިދަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި ފުރިހަމަ "މެޗުއަރ" ޕާޓީއެއްގެ ގޮތުގައި ޕާޓީ އޮވެގެން.

– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، ކޮންމެ މީހަކީ ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ މީހެއް ކަމަށާއި، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު ބޭނުންވާ ކަންތައްތަކެއް ހުންނާނެކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާއެކު އަދި ޤައުމާއެކު ކުރިއަށްދާން ތިބިކަން މި ކޮންގްރެސްއިން ހާމަވެގެން ގޮސްފިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ހިތުން ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް. މިތަނަށް ހާޒިރުވެ މިތިބި 1200އެއްހާ ކޮންގްރެސްމަނުން ވަރަށް އުފަލުން އަޅުގަނޑު ހިތުން މިތަނުން ނިކުމެގެން ދާނީ. މިތާ އެތެރޭގައި މެންދުރުވެގެން އައިއިރު އޮތް ހޫނުކަން ހަވީރުވެގެން އައިއިރު މިއޮތީ ފިނިކަމަކަށް ވެފައި.

– ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ޕާޓީކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެނޑިޑޭޓެއް ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ. އެކަން ކުރައްވާނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާ ގޮތަށްކަމަށާއި، އެ އުސޫލުގެ ތެރެއިން ޕާޓީން ކަނޑައަޅާ ކެނޑިޑޭޓު ގޮވައިގެން އެމްޑީޕީގެ އެންމެން އެކުގައި ނިކުންނަންވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ ވިސްނުން ދެން ބައްޓަންކުރަންވީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ވާދަވެރިން ބަލިކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން ދެން ބަހައްޓަންވީ، އަމާޒުކުރަންވީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އަޅުގަނޑުމެންގެ ވާދަވެރިން ކުރިއަށް އޮތް އިންތިޚާބުން ބަލިކުރުމަށް އަޅުގަނޑުމެން އެއް ޢަޒުމެއްގައި ނިކުންނަންވީ.

– ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި އެކަން ކުރުމަށް އަވަސްވެގަތުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.