ކޮންގްރެސް ހުޅުވުމުގެ ޖަލްސާއިން ފެނުނު ހަގީގަތް! އެކީގަ އުޅެވޭކަށް ނެތް، ނޫޅެ ވާކަށްވެސް ނެތް!

ކޮންގްރެސް ހުޅުވުމުގެ ޖަލްސާއިން ފެނުނު ހަގީގަތް! އެކީގަ އުޅެވޭކަށް ނެތް، ނޫޅެ ވާކަށްވެސް ނެތް!

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރުމާއި، އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ހަމައިންފެށިގެން ގޮސް، ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ބައިބައިވެ، ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާ އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާ ރޭގަ ބޭއްވިގެން ދިޔައީ، މި ޖަލްސާއަށާއި އަދި ކޮންގްރެސްއަށްވެސް ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނިކޮށެވެ.

އެއްސަބަބަކީ، ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި އުފެދިގެން ގޮސްފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަަކަށް ހައްލެއް ނުހޯދި، މައްސަލަތައް ގޯހުން ގޯހަށް ދަތުރު ކޮށްފައިވާއިރު، ފާއިތުވެދިޔަ މުއްދަތުގައި ދެބޭފުޅުން އެއްތަނަކުން ބައްދަލުވެ، އަދި އާންމުންނަށް އެއަތަނަކުން ފެނިގެން ގޮސްފައި ނުވާތީއެވެ.

އެހެންނަމަވެސް ރޭގެ ޖަލްސާ ވެގެން ދިޔައީ، ގިނަބަޔަކު ދުށުމުގެ އިންތިޒާރީގައި ތިބި، ޚިޔާލުތަފާތުވެ، ގުޅުންތައް ކެނޑި، އަދި ޕާޓީވެސް ދެބައިވެގެން ދިއުމުގެ އަސްލަކަށް ވެގެން ގޮސްފައިވާ، ދެރައީސުން ޖެހިޖެހިގެން ތިއްބަވަންޖެހި، އަދި ހިތްޕުޅުގައިވާ ޖަޒްބާތުތައް ވެސް ދެބޭފުޅުންގެ ކުރިމަތީގައި ބަންޑުންކޮށްލަން ދެބޭފުޅުންނަށްވެސް ޖެހިވަޑައިގަތް ޖަލްސާއެއް ކަމުގައެވެ.

 

ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އަދި ހިތްޕުޅުގައިވާ ޖަޒްބާތުތަކާއި، އުދާސްތަކާއި، ޝަކުވާތައްވެސް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ކުރިމަތީގައި އޮއްސާލަން ފުރުސަތު ލިބިގެންދިޔައިރު، މި ޖަލްސާ ވެގެން ދިޔައީ، އަދި މި އެއްވުން ސިޔަވެގެން ދިޔައީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހިނިތުންވާންވެސް މަޖުބޫރުވި، އެހެންމަވެސް، ދެބޭފުޅުންވެސް ގޮތް ދޫނުކުރައްވާ، މިހާތަނަށްވެސް ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތަކާއި ހުއްޖަތްތައް ހަމަ އެގޮތުގައި ތަކުރާރު ކުރެއްވި ޖަލްސާއެއްގެ ގޮތުގައެވެ.

 

ރައީސް ސާލިހު ބޭނުންފުޅީ ޚިޔާލު ތަފާތުވުންތަކާއެކު ކުރިޔަށް ދާން، ނަޝީދު ބޭނުންފުޅީ ބަދަލަކަށް!

ރޭ ބޭއްވިގެންދިޔަ އެމްޑީޕީގެ ކުރިޔަށް އޮތް ކޮންގްރެސް ފެށުމުގެ ޖަލްސާ ބޭއްވިގެން ދިޔައީ، ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކާލާތު ކުރައްވާ އަދި ކޮންގްރެސްއަށް މި ބަދަލު ގެނައުމަށް ބޭނުންވާ ޚާއްސަ ގަރާރުވެސް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ހަމަ އެއާއެކު މިފަދަ ބަދަލަކަށް ދެކޮޅު ހައްދަވާ، ވެރިކަމުގެ ނިޒާމު ބަދަލުކުރާ ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ސާލިހު ވިދާޅުވެ، ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރު އަބުރާ ގެންދެވުމަށް ގޮވާލައްވާފައިވެސް ވަނިކޮށެވެ.

އެހެންނަމަވެސް، ރޭ ބޭއްވިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައިވެސް ވާހަކަ ދައްކަވަމުން ނަޝީދު ތަކުރާރު ކުރައްވާފައިވަނީ ހަމަ އެއް ވާހަކަ ތަކެކެވެ. ކުރައްވާފައިވަނީ ހަމަ އެއް ޝަކުވާތަކަކެވެ. ނަޝީދު ވިދާޅުވެފައިވަނީ އަބަދުވެސް ބަދަލުވާން ޖެހޭ ކަމަށާއި، އެމްޑީޕިއަކީ އަބަދުވެސް ބަދަލުވާ ޕާޓީއެއް ކަމުގައެވެ.

އަދި ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީ އުފެދިގެން އައީވެސް ބަރުލަމާނީ ނިޒާމުގެ ސިފަތަކާއެކީ ކަމަށާއި، މުޅި ޕާޓީގެ އޮނިގަޑުވެސް އެކުލެވިފައި އޮތީ އެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

މިޕާޓީގެ ހިންގާ ގަވާއިދުވެސް، ޕާޓީގެ ގުނަންތައްވެސް، ޕާޓީގެ އެންމެހާ އާދަކާދަ އެތުރިފައިވާނީ މިދެންނެވި އަސްލުގަ.

ބަރުލަމާނީ ނިޒާމު ނޫން އެހެން ނިޒާމެއް އެމްޑީޕީން ގަބޫލު ނުކުރާނޭކަން ހާމަ ކުރައްވަމުން މި ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި ނަޝީދު މި ޖަލްސާގައިވެސް ތަކުރާރު ކުރައްވާފައިވާ ގޮތުގައި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން މެނުވީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު މި ސަރުކާރަށް ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް މަގެއް ފެންނާކަށް ނެތެވެ.

އެހެންނަމަވެސް، ނަޝީދުގެ ވާހަކަތަކާއި ޚިލާފަށް، ރޭ ބޭއްވިގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ހުރި ޚިޔާލުތަފާތު ވުންތަކާއެކީވެސް އެމްޑީޕީ ދާންޖެހޭނީ ކުރިޔަށް ކަމުގައެވެ. އަދި ކިތަންމެ ތަފާތު ޚިޔާލުތައް ހުއްޓަސް ކުރިޔަށް ދިއުން ނޫން ގޮތެއް ނެތްކަމުގައި ވިދާޅުވަމުން، ރައީސް ސާލިހު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނޭ ކަމުގައެވެ.

ރައީސް ސާލިހު ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

[ޕާޓީ އަށް] އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާއެކުގައި ކުރިޔަށް ދިޔުން. ދިވެހިރާއްޖެ އާއި ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ.

ނަޝީދުވެސް ބައިވެރިވެވަޑަ ގަންނަވަމުންދިޔަ މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

އަދި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހުވަނީ، ފާއިތުވެދިޔަ ތަނުގައި އެމްޑީޕީން ހޯދި ކާމިޔާބީތަކުގެ އިތުރުން، ފާއިތުވެދިޔަ މުއްދަތުގައި މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުން ހޯދާފައިވާ ކާމމިޔާބީތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.

 

ސާފު ވެގެން ދިޔައީ، ޚިޔާލުތަފާތުވުންތަކަށް ހައްލެއް ނެތްކަން!

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރަކަށްވުރެ މަދު ދުވަސްކޮޅެއް އޮތްއިރު، އަދި މި ކޮންގްރެސްއަށްފަހު ޕާޓީގެ ޕްރައިމަރީ އޮންނާނޭކަންވެސް އެމްޑީޕީން އިއުލާން ކޮށްފައިވާއިރު، މި ޖަލްސާގައި ޕާޓީގެ އެންމެ އިސް ދެލީޑަރުން ދެއްކެވި ވާހަކަ ފުޅުތަކުން ސާފުވެގެންދިޔަ އެއް ހަގީގަތަކީ، ހުރި ޚިޔާލުތަފާތުވުންތަކަށް ހަގީގަތުގައިވެސް ހައްލެއް ފެންނާން ނެތްކަމެވެ.

ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެ ވާހަކަފުޅުތަކުން ސާފުވެގެން ދިޔައީ، ބަރުލަމާނީ ނިޒާމު ނޫން އެހެންގޮތެއް ވިސްނުން ފުޅުގައިވެސް ނެތި، އަދި އެނޫން އެހެންމަގެއް އިޚްތިޔާރު ނުކުރެއްވުމުގެ އަޒުމުގައި ހުންނެވި ތަނެވެ. ނަޝީދު ދެއްކެވި ހުރިހާ ވާހައެއްވެސް އަމާޒު ކުރައްވާފައިވަނީ، ބަރުލަމާނީ ނިޒާމަމަށް ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެން މެނުވީ، ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެވެން ނެތި، އަދި ޕާޓީއަށްވެސް އެނޫން މަގަކުން ކުރިޔަށް ދެވޭން ނެތްކަން ސާބިތު ކޮށްދިނުމަށެވެ.

އެއާއި ޚިލާފަށް ރައީސް ސާލިހުގެ ވާހަކަފުޅުން ސާފުވެވެންދިޔަ ހަގީގަތަކީ، އެމަނިކުފާނު ތައްޔާރަށް ހުންނެވީ، ޕާޓީގެ އެތެރޭގައި ހުރ ިޚިޔާލު ތަފާތުވުންތަކާއެކީވެސް އެކީވެސް ކުރިޔަށް ވަޑައިގަންނަވަން ކަމެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގެން، ތަފާތު ޚިޔާލުތަކާއެކީވެސް ކުރިޔަށް ދިއުން ނޫން އެހެންގޮތެއް ނެތްކަމުގައި ރައީސް ސާލިހު ވިދާޅުވިއިރު، މި ޖަލްސާގައި ވާހަކަ ދެއްކެވި، ރައީސް ސާލިހަށް ތާއީދު ކޮށްގެން ތިއްބެވި މަޖިލިސް މެމްބަރުންވަނީ، ދެވަނަ ދައުރެއް އެމަނިކްފާނަށް ދިނުމަށް ކޮންގްރެސްގެ މަންދޫބުންނަށް ގޮވާވެސް ލައްވާފައެވެ.

ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ

ޖަލްސާގައި ވާހަކަ ދެއްކެވި، ރައީސް ސާލިހަށް ތާއީދު ކުރައްވާ، ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްވަނީ، ގައުމަށްޓަކާ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ކޮންގްރެސްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެކުގަ އެކީނުކުމެ، މިރާއްޖޭގެ ރައްޔިތުނަށްޓަކާ އެމްޑީޕީއަށް އިތުރު ދައުރެއް ބޭނުންވޭ، މިރާއްޖޭގެ މުސްތަގުބަލަށްޓަކާ ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް އިތުރު ދައުރެއް ދިނުމަށް އަޅުގަޑުމެން އެންމެން އަތުކުރި އޮޅާލާ އެއްކޮށް، މަސައްކަތް ކުރަމާ ހިންގަވާށޭ އަޅުގަޑު ދަންނަވާލަން ބޭނުންވަނީ.

އަސްލަމް މިގޮވާލުއްވުމަށް ޖަލްސާގެ އޯޑިއެންސްއިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ފާހަގަވެގެން ދިޔައީ، ޖަލްސާގެ ކުރީ ސަފުގައި އިންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންވެސް، އަދި ޕާޓީގެ ލީޑަރޝިޕްގެ އިސް ގިނަ ބޭފުޅުންގެ މޫނުމަތިންވެސް ހިންހަމަޖެހުމާއި ތަރުހީބުގެ އެއްވެސް ނިޝާނެއް ފެނިގެން ނުދިޔަތަނެވެ.

އެހެންކަމުން، ޕާޓީ ބަދަލުވާންޖެހޭކަމާއި، ޚިޔާލުތަފާތުވުންތައް އެއްގޮތް ކުރާންޖެޖޭކަމަށާއި، އަދި ޕާޓީ ކުރިަޔަށް ދާންޖެހޭ ކަމުގެ މޮޅެތި ބަސްތަކާއި، ވާހަކަތަކުން ޖަލްސާ ޖަރީ ކުރިނަމަވެސް، މި ޖަލްސާއިން ހަގީގަތުގައިވެސް ފާޅުވެގެންދިޔައީ، ޕާޓީގެ ލީޑަރޝިޕްގައި ހުރި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއެކު، އެކައްޗެއްކިއުމުގެ ރޫހު ނެތް މިންވަރެވެ. ވިސްނުން އެއްގޮތް ކުރުމުގެ ޖާގަ ކުޑަވެގެން ގޮސްފައި އޮތް މިންވަރެވެ.

ޕާޓީގެ ކޮންގެރެސް ފެށުމުގެ ޖަލްސާއިން ސާފުވެގެންދިޔަ ހަގީގަތަކީ، އެމްޑީޕީގެ އެތެރޭގައި މިހާރު އޮތީ މަޖުބޫރު ލޯތްބެއްކަމެވެ. ޕާޓީއާއި ދުރަން ދެވެންވެސް ނެތި، ހުރި ޚިޔާލުތަފާތު ވުންތަކާއެކީ އެކީގައި އުޅެވެންވެސް ނެތްތަނެވެ. މިއަދު އެއީ ހިތާހިތުގެ ގުޅުމަށްވުރެ ބޮޑަށް، އަމިއްލަ ޒާތީ މަސްލަހަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *