މިރޭ ފެށުމަށް ތައްޔާރު ވެފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1178 މަންދޫބުން ކަމުގައި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބުރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އިބުރާހިމް ވަހީދު ވިދާޅުވީ ކޮންންގްރެސްގައި ބައިވެރިވުމުގެ ހައްގު 1365 މެމްބަރުންނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮންގްރެސް ހާޒިރުވާ 1708 ފާސް ދޫކުރުމަށް ހަމަޖެހިފައި ވާއިރު، ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް 900 ފާސް ދޫކޮށްފައި ވާކަމުގައެވެ.
ވަހީދު ވިދާޅުވެފައިވަނީ ކޮންގްރެސް އޮންނަ މައި ހޯދަލަށް ވަދެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށާއި، އެހެންނަމަވެސް ކޮންގްރެސް ހަރަކާތްތައް ބެލުމުގެ އިންތިޒާމްތައް ސޯޝަލް ސެންޓަރުގެ މަތީ ފަންގިފިލާގައި ހަމަޖެހިފައި އޮންނާނެ ކަމަށެވެ.
މި ކޮންގްރެސްގައި ބައިވެރިވުމަށް 200 އަށްވުރެ ގިނަ މީހުން ރައްޖޭގެ އެހެން ރަށްތަކުން މާލެއަށް އައިސްފައި ވެއެވެ.
އެމްޑީޕީން ހާމަ ކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސް ކަމުގައެވެ. މި ގޮތުން މި ކޮންގްރެސްގައި ގައުމީ މަޖިލިހުގެ މެމްބަރުންނާއި، ގޮފިތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުންވެސް ކޮންގްރެސްގައި ބައިވެރި ވާނެއެވެ.
ދެ ދުވަހަށް ކުރިޔަށްދާ މި ކޮންގްރެެސްގެ އެޖެންޑާއި ރިޔާސީ ޕްރައިމަރީގެ އިތުރުން އަސާސީ ގައިވާއިދަށް ގެންނަ އިސާލާހެއްވެސް އެޖެންޑާގައި ހިމެނިފައެއް ނުވެއެވެ. ފާހަކޮށްލެވޭ އައިޓަމެއްގެ ގޮތުން އެޖެންޑާގައި ހިމަނާފައިވަނީ ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ އިސްލާހު އެކަންޏެވެ. މިއައިޓަމް އެޖެންޑާ ކޮށްފައިވަނީ ކޮންގްރެސްގެ ފަހު ދުވަހުގެ އެންމެ ފަހުގެ އައިޓަމެއްގެ ގޮތުގައެވެ.
މީގެ އިތުރުން މި ކޮންގްރެސްއަށް އެޖެންޑާ ކޮށްފައިވަނީ ފާޓީގެ ރައީސް ކޮންގްރެސްގެ މެމްބަރުންނާއި މުޚާތަބަކޮށް ވާހަކަ ދެއްކެވުމުގެ އިތުރުން، ގައުމީ މަޖިލިހުގެ ރިޕޯޓު އިއްވުމާއު، މުވައްސަސާތަކުން ކޮންގްރެސްގެ ބައިވެރިނަށް މައުލޫމާތު ދިނުމެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވިގެން މިދަނީ، ރައީސް ސާލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝިދުގެ މެދުގައި ޚިޔާލުތަފާތުވެ ޕާޓީ ބައިބައި ވެފައި ވަނިކޮށެވެ،
އެހެންނަމެވެސް މި ކޮންގްރެސްގައި ދެ ރައީސުންވެސް އެކީގައ ފެނިގްނެދާނެއެވެ.
މިރޭ 8:30ގައި ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ މިރޭގެ ދަންފަޅި ކުރިޔަށްދާނީ ޖަލްސާއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ