ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ %10 މެމްބަރުންވެސް އެމްޑީޕީގައި ތިބިކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، މުޅި ރާއްޖެއަށް ބަލާއިރު، މި މިންވަރަށްވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހުން ނުތިބޭނެ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅު ވެއްޖެއެވެ.
ފައްޔާޒ އިސްމާއިލް މިހެން ވިދާޅުވެފައިވަނީ، މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ރާއްޖޭގެ އެކި ރަށްރަށުން މާލެ އައި މެމްބަރުންނަށް މަރުހަބާ ދެންނެވުމަށް ޖުމުހޫރީ މައިދާން ސަރަހައްދަށް ވަޑައިގެން ދެއްވި ޓީވީ އިންޓަވިއުއެއްގައެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ބަރުލަމާނީއަށް ތާއީދުކުރާ މެމްބަރުން އެމްޑީޕީގަވެސް، ޕީޕީއެމްގަވެސް، އަދާލަތު ޕާޓީގަވެސް އަދި ޖޭޕީގަވެސް ތިއްބަވާނެ ކަމަށާއި، އަދި އާންމު ރައްޔިތުންގެ ތެރޭގައިވެސް ތިބޭނޭކަމަށެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި، ބަރުލަމާނީއަކަށް ތާއީދު ނުކުރާނަމަ ސަރުކާރަށް ލިބޭނީ ގިނަވެގެން %27 ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ފައްޔާޒި ވިދާޅުވީ، ރިޔާސީ އިންތިޚާބުން ލިބޭނީ ސާޅިސް އަށްފަސެންޓުކަމެއް، އެއް ޕަރސެންޓުކަމެއް، ދެ ފަރސެންޓްކަމެއް ވިދާޅުވާކަށް ނޭގޭ ކަމަށާއި، އެހެންނަމަވެސް އޭނާއާވެސް ވަރަށް ގާތުން ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުވާ ކަމަށެވެ.
އަދި މިގޮތުން ކުރާ އަންދާޒާއަށް ބަލާއިރު، ބަރުލަމާނީއަށް ތާއީދުކުރާ %10 މެމްބަރުންވެސް އެމްޑީޕީގައި ތިބިކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، އެމިންވަރާ ގާތަށްވެސް މުޅި ރާއްޖެއިން ބަރުލަމާނީއަކަށް ތާއީދެއް ނުލިބޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީގެ މެމްބަރުންގެވެސް އަދި ރާއްޖޭގެ ރައްޔިތުންގެވެސް ތާއީދެއް ނުލިބޭނެކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކުރިޔަށް އޮތް އެޕާޓީގެ ކޮންގްރެސްގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މިގޮތުން، ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް އިޞްލާހު ހުށައަޅާފައެވެ. ނަމަވެސް އެ އިޞްލާހު ނެންގެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނަޝީދަށް ގޮވާލައްވާފައެވެ.