އެމްޑީޕީ ކޮންގްރެސްއަށް އެޕާޓިގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރުގައި އޮތީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ރައްޔިތުންކުރެ އަހަން ފެންނަ ކަމަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނދު ގާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށައަޅަން ނިންމެވި ބަރުލަމާނީ އިސްލާހުތައް އަނބުރާ ގެންދިއުމަށް ރައީސް ޞާލިޙް ގޮވާލައްވާފައިވާއިރު، އެކަމާއި ގުޅިގެން ޙަސަން ލަޠީފް ވިދާޅުވީ، ނޫސްވެރިޔަކު ސުވާލުކުރާ ކޮންމެ ފަހަރަކު ރައީސް ޞާލިޙުވެސް ވިދާޅުވަމުން ގެންދެވީ އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭ ކަމެއްކަމަށެވެ. ރައްޔިތުންގެ ބަހެއް ހޯދުމަށް އެމްޑީޕީއަށް އޮތް ފުރުސަތަކީ އެ ގަރާރު ފާސްވުންކަމަށާއި، ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އެމްޑީޕީން ފަސް ޖެހެން ނުޖެހޭކަމަށް ޙަސަން ވިދާޅުވިއެވެ.
އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭ ކަމެއްކަމަށް. ރައްޔިތުންގެ ބަހެއް ހޯދުމަށް MDP އަށް އޮތް ފުރުސަތަކީ އެ ގަރާރު ފާސްވުން. ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން MDP ފަސްޖެހޭކަށް ނުވާނެ.
2/2 pic.twitter.com/ZtGdsS9YB8— Hassan Latheef🎈 (@HassanLatheef) August 17, 2022
ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު ތަޢީދުކުރެއްވިޔަސް އެހެން ސިޔާސީ ލީޑަރުން އެކަމަށް ތާޢީދު ނުކުރައްވައެވެ. ރައީސް ވަނީ ނަޝީދުގެ ބަރުލަމާނީ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ