ރައީސް ޞާލިހުގެ ވެރިކަމުގެ ދެ އަހަރުގައި ކުރިމަތިވެފައިވާ ގޮން ޖެހުންތަކާއި، ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަނެ މިޤައުމު އަމާން ބަދަރަކަށް ގެންދަވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ރައީސް ޞާލިހަށް އެބައޮތްކަމުގައި ކޯލިޝަންގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހުގެ ވެރިކަމަށް ދެއަަރު ފުރުމުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުވައްވައި ޤާސިމް ވިދާޅުވި ރައީސް ޞާލިހު ވެރިކަން ކުރައްވަނީ އެއްވެސް ގޮތަށް ފަސޭހަ ކަނޑެއްގައި ނޫންކަމަށެވެ. އެމަނިފާނަށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރުގެ ބޭރުންވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އުދަގޫތަކާއިއެކުވެސް ކެތްތެރިކަމާއިއެކު އެކަންކަމާއި ކުރިމަތިލައްވައި ކާމިޔާބީއާއި ހަމަޔަށް ވާސިލްވުމަށް ގަދައަޅާ މަަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އެމަނިކުފާނު މިޤައުމުގެ ހިދުމަތުގައި ކުރިމަތި ވަމުންދާ ޕްރެޝަރާއި އެކުވެސް ކޮށްދެއްވަމުންދާ އަގުހުރި ހިދުމަތަށް ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 2 އަހަރުފުރޭ އުފާވެރިމުނާސަބަތުގައި އެމަނިކުފާނަށް ތަހްނިޔާ އަރިސްކުރަމެވެ. އެތެރެއާއި ބޭރުން ނަގާ އެކިރާޅުތަކުން ސަލާމަތްވެ ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ އިޚްލާޞްތެރި މަސައްކަތުގައި الله ތަޢާލާ ބަރަކާތްލައްވާށިއެވެ.
ވެރިކަން ކުރާ ކޯލިޝަނާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ މިވަގުތުގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ހެދިފައި އޮތް ކޯލިޝަން ދެމިއޮންނާނެކަމަށާއި ލީޑަރުންނާއި ފޯނުން ގުޅުއްވައި މިހާރުވެސް ބަރާބަރަށް މަޝްވަރާކުރައްވާކަމަށެވެ. އެގޮތުން ކޯލިޝަންގެ ބައްދަލުވުންތައް ކުރިއެކޭ އެއްގޮތަށް ނުބޭއްވެނީ ޝެޑިއުލްތައް ދިމާނުވާތީކަމަށާއި ނަމަވެސް ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީ ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާއާއި އެކުގައި ކަމަށެވެ. އެގޮތުން، ވަކިވަކިން ލީޑަރުންނާއި ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކުގައި މަޝްވަރާކުރައްވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި، އަމިއްލަފުޅަށްވެސް ކަންކަމުގައި އިސްނަންގަވައު މަޝްވަރާކުރެއްވުމަށް ގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ