އުމުރުން 78 އަހަރު ވީނަމަވެސް ބޮލީވުޑްގެ "ބައްޕަ" އަމީތާބް ބަޗަންއަކީ ޓެކްނޮލޮޖީއާއި ރައްޓެހި ތަރިއެކެވެ. އާންމުކޮށް އެ އުމުރުގެ މީހަކާއި އަޅާބަލާއިރު ސޯޝަލްމީޑިއާގައި ވެސް އެކްޓިވް ތަރިއެކެވެ.
އަމީތާބް މިހާރު މިވަނީ ފޯނާއިއެކު ވަޔަރލެސް ހެޑްސެޓް ބޭނުން ކުރަން ފަށާފައެވެ. އަމީތާބަށް މިކަމުގައި އެހީތެރިވެދިނީ ޒުވާން ތަރި ރަންބިރް ކަޕޫރެވެ.
ކަޕޫރު އާއިލާގެ މި ޖެނެރޭޝަންގެ ތަރި ރަންބިރް ކަޕޫރާއި އަމީތާބް މިހާރު ގެންދަނީ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަޔާން މުކަރްޖީގެ "ބްރަހްމަސްތުރާ" ގައި މި ދެތަރިންނާއެކު ދެން ފެންނާނީ، ތަރިންގެ އާއިލާއަކަށް ނިސްބަތްވާ އާލިޔާ ބަޓެވެ. ފިލްމުގެ ޝޫޓިންގ ކުރިއަށްދާތާ ދުވަސްކޮޅެއް ފަހުން ކޯވިޑް-19 އާއި ލޮކްޑައުންގެ ކަންތައްގަނޑާހެދި ގާތްގަޑަކަށް 8 ވަރަކަށް މަހު ޝޫޓިންގ މަޑު ޖައްސާލަން ޖެހުނެވެ. ނަމަވެސް އަލުން މިހާރު ޝޫޓިން ވަނީ ފަށާފައެވެ.

އަމީތާބަށް ވަޔަރ ހެޑް ސެޓްގެ ބަދަލުގައި ފަހުގެ ވަޔަރލެސް ހެޑްސެޓް ބޭނުންކުރާނެ ގޮތް ބުނެދީ ރަންބިރް އެ ސެޓްކޮށްދިނީ ފިލްމުގެ ސެޓްގައެވެ. އެގޮތުން ރަންބިރް އަމީތާބަށް ހެޑްސެޓް ބޭނުންކުރަން ބުނެދޭ ފޮޓޯތައް ވަނީ އާންމުވެފައެވެ. އަމީތާބްވެސް ވަނީ ވަޔަލެސް އިޔަރ ޕްލަގް ސެޓްކޮށްދިނުމުގައި ރަންބިރް އެހީތެރިވެދިން ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.
އޭނާ އަހަރންނަށް ސައުންޑް އިޔަރ ޕްލަގް ސެޓްކުރާނެގޮތް ކިޔާދިނީ. އޭގެ އަޑު ވަރަށް ރީތި. ކޭބަލް ތަކާއި ނަރުތަކުން ސަލާމަތް ވެވިއްޖެ.
– އަމީތާބް ބަޗަން
ޕްރޮޑިއުސަރ ކަރަން ޖޯހަރް 2017 ވަނަ އަހަރު އިއުލާންކުރި މި ފިލްމު ސީކުއަލްގެ 3 ފިލްމެއް ނެރުމަށް އަދި ވަނީ ހަމަޖެހިފައެވެ. ބްރަހްމަސްތުރާ އެއީ މި ސީކުއަލްގެ ފެށުމެވެ. މި އެކްޝަން ފެންޓަސީ 3ޑީ އާއި އައިމެކްސް ކޮލިޓީގައި ބެލުންތެރިންނަށް ފެންނާނެއެވެ.
އޯގަސްޓް 2019ގައި ރިލީޒްކުރަން ފުރަތަމަ ނިންމި މިފިލްމު އެކި ސަބުބުތަކާ ހެދި މި އަހަރަށް ލަސްވެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ފަހު ތާރީހަކަށް ޑިސެމްބަރު 4 ވެސް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ކޯވިޑް-19ގެ މި ހާލަތާގުޅިގެން ފިލްމު ރިލީޒްކުރުން މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ