މޫސަ، އިމްރާނަށް: ޤާނޫނުތައް އެބަހުރި، ތަންފީޒު ކުރަން ނުކެރެނީ، ނޫނީ ނޭނގެނީ

މޫސަ، އިމްރާނަށް: ޤާނޫނުތައް އެބަހުރި، ތަންފީޒު ކުރަން ނުކެރެނީ، ނޫނީ ނޭނގެނީ

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2022 11:42
0

ފާޚިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އަލުން އެކުލަވާލަން ނުޖެހޭކަމަށާއި، އެކަމަށް ފިޔަވަޅު އެޅޭނެ ޤާނޫނުތައް އެކުލަވާލެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ފާޚިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް ވުޖޫދުވާންޖެހޭ ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

މޫސަ ވިދާޅުވީ ޤާނޫނީ ގޮތުން މިފަދަ ކުށްތައް ކުރާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުމުގެ އިހްތިޔާރު މިހާރުވެސް ޤާނޫނުތަކުގައި ބަޔާން ކޮށްފައިވާކަމަށެވެ. ޤާނޫނުލް އުޤޫބާތާއި، ޖިނާއީ އިޖުރާތު ޤާނޫނުގައި މިފަދަ އޮރިޔާން ކާޑު ފިލްމު ފޮޓޯ ގެންގުޅޭ މީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

އިތުރު އެއްވެސް ޤާނޫނެއް ވުޖޫދު ކުރާކަށްނުޖެހޭނެ، އޮރިޔާން ކާޑު ފިލްމު ފޮޓޯ. ގެނގުޅޭ ނަމަ ޤާނޫނުލް އުޤޫބާތުގައި އަދަބު ކަނޑައަޅާފަ އޮތީ. ޖިނާއީ އިޖުރާއަތުގަ މައްސަލަ ބަލާނެ ގޮތާ ތަޙްޤީގު ކުރާނެ އިޖުރާޢަތް ކަނޑައަޅާފައޮތީ، ތަންފީޒު ކުރަން ނުކެރެނީ ނޫނީ ނޭނގެނީ.

– މޫސަ ވިދާޅުވިއެވެ.

މިމައްސަލާގާއި މިނިސްޓަރ އިމްރާން ވިދާޅުވީ ފާޚިޝް އަމަލުތައް ހިންގާ ވީޑިއޯތަކާއި، މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުކޮށް ހެދުމަކީ ވަރަށް ވިޔާނުދާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައަށްކޮށް، ރާއްޖޭގެ އިޖުތިމާއީ އަޚުލާގިއްޔާތު އެއްކޮށް ފުޑުފުޑު ވެގެން ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެކެވެ. މީގެ ތެރެއިން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވީ ނާޒިމަށާއި ފުލުސް މީހާގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.