ރާއްޖޭގެ އެންމެ ޤަދީމީ އެއްބިނާ، ކަޅުވަކަރު މިސްކިތް ރައީސް ހުޅުއްވާދެއްވައިފި

ރާއްޖޭގެ އެންމެ ޤަދީމީ އެއްބިނާ، ކަޅުވަކަރު މިސްކިތް ރައީސް ހުޅުއްވާދެއްވައިފި

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2020 10:48
0

ރާއްޖޭގެ ތާރީޚާއި ގުޅުންހުރި އެންމެ މުހިންމު އެއްބިނާކަމަށްވާ ކަޅުވަކަރު މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވާދެއްވައިފިއެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މިސްކިތް އަލުން ރާވާފައިވަނީ ސަލްޓަންޕާކާއި އިންވެގެން ކުރީގެ ދިރާގު ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. 200އަށްވުރެ ގިނައަހަރުވީ މި މިސްކިތް ހިރިގަލުން ހަދާފައިވާއިރު، މި މިސްކިތުން ދިވެހިންގެ ގަލުވަޑާމާއި ވަޑާމުގެ ހުނަރު ވަރަށް ފުރިހަމައަށް ފެނެއެވެ.

ކުރުމުއްދަތެއްގެ ތެރޭގައި މިސްކިތް ރޭވުމަށް ކުރިން ޢަމާޒުކުރިނަމަވެސް، ހިރިގަލާއި މިސްކިތުގެ ބައިތައް ހަމަކޮށް އެ ތަކެއްޗަށް ދޭންޖެހޭ ފަރުވާދީ ލަކުޑިއާއި ހިރިގަލުގެ ބައެއް ބައިތަށް ހަލާކުވެފައިވުމުން އެތަކެތި މަރާމާތުކުރަންޖެހުމުގެ ސަބަބުން މަސައްކަތް ނިންމުމަށް ލަސްތަކެއް ދިމާވިއެވެ. ޢަމަލީގޮތުން މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފެށީ މިފިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އަދި މިސްކިތަކީ ދުވަސްވެފައިވާ މިސްކިތަކަށްވުމާއިއެކު، މިސްކިތުގެ މަސައްކަތް ކުރިއަށްގެންދިޔައީ މިސްކިތުގެ ބައިތަކަށް ގެއްލުން ނުވާނެހެން ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވުން

ކަޅުވަކަރު މިސްކިތް ރާވާފައިވަނީ އެންމެ ކުރިން މިސްކިތް ފެންނަން ހުރިގޮތަށެވެ. މިސްކިތް ހުޅުވިނަމަވެސް މިސްކިތް ބޮޑަށް ބޭނުންކުރާނީ އާސާރީ ސަރަހައްދެއްގެ ގޮތުގައެވެ. އަދި ނަމާދުކުރަން ބޭނުންވާ މިހުންނަށް މިސްކިތުގައި ނަމާދުވެސް ކުރެވޭނެއެވެ. މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. 200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.