ޗައިނާ އެމެރިކާ ބޮޑު ކުރިމަތި ލުމަކަށް! ދުނިޔެ އާ ހަނގުރާމައެއްގެ ވިލާގަނޑެއްގައި!

ޗައިނާ އެމެރިކާ ބޮޑު ކުރިމަތި ލުމަކަށް! ދުނިޔެ އާ ހަނގުރާމައެއްގެ ވިލާގަނޑެއްގައި!

ފާއިތުވެދިޔަ 3 އަހަރެއްހާ ދުވަހުވެސް ދުނިޔެ ހަނގުރާމަ ކުރަމުން އައިސްފައިވަނީ ބޮޑެތި ކާރިސާތަކާއެވެ. އެންމެ ފުރަތަމަ 2019ވަނަ އަހަރު ނިމެމުން އަންނަނިކޮށް މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޯވިޑް19ގެ އާލަމީ ވަބާއެވެ. މި ކާރިސާއާއި ހަގުރާމަ ކުރުމުގައި ދުނިޔޭގެ ވަކި ގައުމެއް ތަފާތު ވުމެއް ނެތި، މިކާރިސާފައި ދެ އަހަރަށްވުރެ ގިނަ ދުވަސް ދުނިޔޭގެ ގައުމުތައް ހޭދަ ކޮށްފައި ވެއެވެ.

މި މުއްދަތުގެ ތެރޭގައި، ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދުތައް އިނދަޖެހި، ފާއިތުވީ ގަރުނެއްހާ ދުވަހުގެ މުއްދަތުގައި ކުރިމަތި ލާންޖެހުނު އެންމެ ބޮޑެތި ގޮންޖެހުންތަކާ ގައުމުތައް ކުރިމަތި ލާފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނި، ކޯވިޑްގެ އާލަމީ ވަބާގެ ފުރަތަމަ އަހަރު އެކަނިވެސް ރާއްޖޭގެ އިގްތިސާދު %35 އިން ކުޑަވެގެން ގޮސްފައި ވެއެވެ.

މީގެ އިތުރުން، ދުނިޔެއިން 582 މިލއަިން މީހުން މިބައްޔަށް ޕޮޒިޓިވްވެ، މުޅި ދުނިޔެއިން 641 މިލިއަން މީހުން މަރުވެ، ދުނިޔޭގައި އެންމެ ވަރުގަދަ އިގްތިސާދެއް އޮތް އެމެރިކާގެ އިގްތިސާދުވެސް 2020ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި %8.9 ގެ ނިސްބަތަކުން ކުޑަވެގެން ގޮސްފައި ވެއެވެ.

ކޮންމެއަކަސް ފާއިތުވެގެން މިދާ ގަރުނެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައިވެސް ދުނިޔެ ކުރިމަތިލާންޖެހުނު އެންމެ ވަރުގަދަ ސިއްހީ ކާރިސާއާއި ހަގުރާމަ ކޮށް، އޭގެ ގޮންޖެހުންތަކުން ދުނިޔެއަށް އަރައިގަނެވިފައިވަނީ 2022ވަނަ އަހަރުގެ ތެރޭގައެވެ.

މިގޮތުން 2021ވަނަ އަހަރު ފެށިގެން އައިއިރު ދުނިޔެއަށް ތައާރަފް ވެގެންދިޔަ ކޯވިޑް19އަށް ޚާއްސަ ވެކްސިންތަކާއެކު، 2022 ވަނަ އަހަރު ހަގީގަތުގައިވެސް އުއްމީދީ އަހަރެއްގެ ގޮތުގައި ފެށިގެންދިޔަ ނަމަވެސް، މިއަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ވެގެން ދިޔައީ ދުނިޔެ އަނެއްކާވެސް އެވަރުގެ ބޮޑު އެހެން ގޮންޖެހުމަކާ ކުރިމަތި ލާންޖެހުނު ދުވަހަކަށެވެ.

ހިގަމުންދާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ފޯރާ, ދުނިޔޭގެ އިންފެލޭޝަންވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ

އެއީ ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށި ދުވަހެވެ. މިހާރު 5 މަހަށް ދިގު ދެމިގެން ގޮސްފައިވާ މި ހަގުރާމަ އެއްވެސް ފަރާތަކަށް ކާމިޔާބު ނުކުރެވި، ހަނގުރާމައިން އުފަންކުރި އިގްތިސާދީ ގޮންޖެހުންތަކުގައި ދުނިޔޭގެ ކާބޯތެކެތީގެ ސަޕްލައިއަށް އަސަރުކޮށް، މުޅި ދުނިޔޭގެ އިފްލޭޝަން މިހާރު މިވަނީ ފާއިތުވެދިޔަ ކައިރި މާޒީއެއްގައިވެސް އުފުލިގެން ގޮސްފައިނުވާ ދަރަޖައަކަށް އުފުލިގެން ގޮސްފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުގެ އިގްތިސާދު ރިސެސްއަކަށް ދާންޖެހިދާނޭކަމުގެ އިންޒާރު އިގްތިސާދީ ތަޖުރިބާކާރުން މިހާރު ވަނީ ދޭންފަށާފައެވެ.

 

ރަޝިއާ ޔޫކުރެއިން ހަނގުރާމައަށްފަހު، ޗައިނާ ޓައިވާން މައްސަލަ ހަގުރާމައަކާ ދިމާލަށް!

ރަޝިއާއިން ޔޫކުރެއިންގެ މިނިވަންކަމަށް އަރައިގަނެ އަގައުމުގައި ހަނގުރާމަ ކުރަމުންދާތާ 5 މަސްދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، މިއަދު ދުނިޔެ އަނެއްކާވެސް މިވަނީ މުޅި އާ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމުގައި ދެންނެވިދާނެއެވެ.

އެއީ، ނުތަނަވަސްކަން ބޮޑުވެ، މަސްރަހު މިހާރު ހޫނުވެފައިވާ، ޗައިނާ ޓައިވާންގެ މައްސަލަ ހަގުރާމައަކާއި ދިމާލަށް މިސްރާބު ހިފާފައިވާ ވުމެވެ.

މިގޮތުން، ފާއިތުވެދިޔަ ހަފްތާގައި އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ އަދި އެމެރިކާގައި ސިޔާސީ ގޮތުން ދެވަނައަށް އެންމެ ނުފޫޒު ގަދަ ފަރާތްކަމުގައިވާ ނާންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ނުރުހުން ފާޅުކޮށް، ޗައިނާއިން މިހާރު މިވަނީ ޓައިވާން ކަނޑުގައި އަސްކަރީ ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދާން ފަށާފައެވެ.

ޓައިވާންއަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ގައުމެއް ކަމުގައިވި ނަމަވެސް، ޗައިނާއިން ދެކެމުންދަނީ އެއީ ވަކި ނުކުރެވޭނޭ، އެގައުމުގެ ޕްރޮވިންސްއެއްގެ ގޮތުގައެވެ. އަދި ޗައިނާއިން މިހާތަނަށްވެސް ބުނަމުން އައިސްފައިވަނީ، ޓައިވާންއިން އެއްވެސް ހާލަތެއްގައި މިނިވަންކަން އިއުލާން ކޮށްފިނަމަ، ބާރުގެ ބޭނުންކޮށްގެން ޓައިވާން ހިފާނޭ ކަމުގައެވެ.

ޓައިވާން ކައިރިން ޗައިނާގެ އަސްކަރީ ހެލިކޮޕްޓަރ އުދުހެމުންދާއިރު, ޓައިވާންގެ ވެރިރަށް ޓައިޕޭގައި ޓުއަރިސްޓުން ހެލިކޮޕްޓަރަށް ބަލަހައްޓައިގެން

އޭގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އެއް އިގްތިސާދު އޮތް ޓައިވާންއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ޓައިވާންއަކީ 220،000 ސިފައިންގެ މައްޗަށް އެކުލެވިފައި އޮތް، އެންމެ ޒަމާނީ ހަތިޔާރު ހުރި ވަރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމެކެވެ. އަދި، ދުނިޔޭގެ 5 ވަނައަށް އެންމެ ވަރުގަދަ ރިޒާވްއެއް އޮތް އިގްތިސާދު ޓައިވާންގައި އޮތްއިރު، އެގައުމަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮގުންވެސް އަދުގެ ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް އެއްގައުމެެވެ.

މިގޮތުން، ކޮމްޕިއިޓަރާއި މޯބައިލް ފޯނުފަދަ، އަދުގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހަގީގީ ސިނކުޑި ކަމުގައި ބެލެވޭ މައިކްރޯ ޗިޕްތަައް ދުނިޔޭގައި އެންމެ ގިނައިން އުފައްދާ ގައުމަކީ ޓައިވާންއެވެ. ދުނިޔޭގެ މާރކެޓަށް ބޭނުންވާ މައިކްރޯ ޗިޕްތަކުގެ %90 އުފައްދަނީ ޓައިވާންއިންނެވެ. ޓައިވާންގެ އިގްތިސާދަކީ މުޅި އޭޝިއާ ބައްރުގައި އޮތް 8 ވަނައަށް އެންމެ ވަރުގަދަށް އިގްތިސާދަށް ވާއިރު، މިއީ ދުނިޔޭގައި އޮތް 18ވަނައަށް އެންމެ ވަރުގަދަ އިގްތިސާދުވެސް މެއެވެ.

އެހެންކަމުން މިހުރިހާ ހަގީތަތްތައް މިގޮތުގައި އޮވެމެ، އަމިއްލަ ވެރިކަމެއް ކުރަމުންދާ، މިނިވަން އިގުތިސާދެއް އޮތް ގައުމެއްގެ ގޮތުގައި ޓައިވާން އޮތްނަމަވެސް، ޓައިވާންއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައެއް ނުވެއެވެ. އޭގެ އިތުރުން ޗައިނާއިން ޓައިވާން ބަލައިގަންނަނީ އެއީ ޗައިނާއާއި ވަކި ނުކުރެވޭނޭ، އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.

ނަތީޖާއެއްގެ ގޮތުން ޓައިވާންއިން މިނިވަންކަން އިއުލާން ކޮށްފި ހާލަތެއްގައި އެގައުމަށް އަރާ، އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ޓައިވާން ހިފުމަށް ޗައިނާއިން އޮތީ ތައްޔާރަށްކަން، ޗައިނާއިން ޓައިވާންގެ ވަށައިގެން މިހާރު ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންއިން އެކަނިވެސް އެގައުމުންދަނީ ސާބިތު ކޮށްދެމުންނެވެ.

ރަތްކުލައިން ފަވާލެވިފައި އެވަނީ, ޓަައިވާންގެ ވަށައިގެން ޗައިނާއިން އަސްކަރީ އޮޕަރޭޝަން ހިންގަމުންދާ 6 ސަރަހައްދު

 

އެމެރިކާއާއި ޗައިނާ ވަރުގަދަ ކުރިމަތި ލުމަކާއި ދިމާލަށް!

ތާރީޚީ ގޮތުން އެމެރިކާއާއި ޓައިވާންއާއި އޮތް ސިޔާސީ އަދި އިގުތިސާދީ ގުޅުންތަކާއިއެކު، އަދި 9 ވަނައަށް އެމެރިކާގެ އެންމެ ވަރުގަދަ ވިޔަފާރި ޕާޓްނަރެއްގެ ގޮތުގައި އޮތް ޓައިވާންއަަށް، އެމެރިކާގެ ފާއިތުވީ ހުރިހާ ސަރުކާރަކުންވެސް ދީފައިއޮތް އޮންނަ އެންމެ ވަރުގަދަ ޔަގީންކަމަކީ އެމެރިކާއިން އެގައުމުގެ ޑިމޮކްރަސީ ހިމާޔަތް ކޮށްދޭނޭ ކަމުގެ ޔަގީންކަމެވެ.

އޭގެ މާނައަކީ، ޗައިނާއިން ޓައިވާންއަށް އުދުވާނީ ހަމަލާއެއްދީ، އަސްކަރީ ގޮތުން އެގައުމު ހިފުމަށް މަސައްކަތް ކޮށްފި ހާލަތެއްގައި، އަސްކަރީގޮތުން ޓައިވާ ދިފާއު ކޮށްދިނުމަކީ އެމެރިކާގެ ފާއިތުވެދިޔަ ހުރިހާ ރައީސުންވެސް އެގައުމަށް ދީފައިވާ ޔަގީންކަމެކެވެ.

އަދި މިހާރުގެ ރައީސް ޖޯ ބައިޑްންވެސް ފާޅުކަން ބޮޑު ގޮތެއްގައި ތަކުރާރުކޮށް މިޔަގީންކަން ޓައިވާންނަށް ވަނީ ދީފައެވެ. އެހެންނަމަވެސް، ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ޓައިވާން ދެކެމުންދާ ދުށުމަށް އެމެރިކާގެ އެއްވެސް ސަރުކާރަކުން ފާޅުގައި ދެކޮޅު ހަދާފައެއް ނުވެއެވެ. ނަތިޖާއެއްގެ ގޮތުން، ޓައިވާންގެ މައްސަލާގައި އެމެރިކާއިން ގެންގުޅޭ ރަސްމީ ސިޔާސަތެއްގެ ގޮތުގައި އޮތީ، އެންމެ ސާފު ނޫން ސިޔާސަތެކެވެ.

އެ ސިޔާސަތުގެ އަމާޒަކީ، ޓައިވާންއަކީ މިނިވަން ދައުލަތަކަށް ނުވިނަމަވެސް، ވަކި ވެރިކަމެއް އޮތް، ވަކި އަސްކަރިއްޔާއެއް އޮތް، އަދި ވަކި އިގްތިސާދެއްގެ މައްޗަށް ބިނާވެފައިއޮތް ވަކި ޑިމޮކްރަސީއެއްގެ ގޮތުގައި ޓައިވާން ދެމި އޮތުމެވެ. މިގޮތުގައި ޓައިވާން ބޭއްވުމަށްޓަކާއި ފާއިތުވެދިތަ ތަނުގައި އެމެރިކާއިން އައިސްފައިވަނީ ޓައިވާންއަށް އަސްކަރީގޮތުން ގިނަގުނަ އެހީތަކެއްވެސް ވެދެމުންނެވެ.

އެހެންކަމުން، ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، ޓައިވާން ވެގެންދަނީ، ދެފަރާތުންވެސް ގުރުބާން ނުކުރާނެ، ޗައިނާ އެމެރިކާގެ އެންމެ ބޮޑު ކުރިމަތިލުން ކަމުގައެވެ. އަދި މިހަގީގަތް މިއަދު އަމަލީގޮތުން ސާބިތުވަމުން ދަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސާ ޓައިވާންއަށް ކުރެއްވި ރަސްމީ ޒިޔާރަތާއި ގުޅިގެން ޓައިވާން ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ކުރިޔަށް ގެންދާ އަސްކަރީ ވަރުގަދަ އޮޕަރޭޝަންއިންނެވެ.

ޓައިވާންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާންސީ ޕެލޯސީ ފުރާވަޑައިގަންނަވަނީ

މި އޮޕަރޭޝަންގައި، އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ދެކޮޅު ހެދުމުގެ ގޮތުން، ޓައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ވަރުގަދަ ތަމްރީންތަކެއް ފަށާ، ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްތަކަށް ވެއްޓޭގޮތަށް ބެލެސްޓިކް މިސައިލްތައްވެސް ޗައިނާއިން މިއަދުވަނީ ޓައިވާން ހުރަސްކޮށް އުދުއްސާލާފައިއެވެ.

މިގޮތުން މި އަސްކަރީ އޮޕަރޭޝަން ކޮންޓްރޯލުން ނެއްޓި، ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ހިގައްޖެ ހާލަތެއްގައި އެމެރިކާއާއި ޗައިނާގެ އިތުރުން، ޓައިވާންގެ އަވަށްޓެރި ޖަޕާންވެސް މި ހަނގުރާމައަށް ވަދެ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިގާ، މިހާރުވެސް ހަގުރާމައިގެ ކަޅުބޯ ވިލާގަޑެއްގައި އޮތް ދުނިޔެއަށް، އިތުރަށް ތަހައްމަލް ނުކުރެވޭނޭ، ވަރުގަދަ ހަނގުރާމައަކަށް މިމައްސަލަ ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައި މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *