ދުބާއީގައި ދިރިއުޅެމުން އައި ދިވެއްސަކު ކުއްލިގޮތަކަށް ރޭ ނިޔާވެއްޖެއެވެ.
ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ މިއުސަމް މުހައްމަދު ސަލީމް (ސީކޭ) ނަމަކަށް ކިޔާ 40 އަހަރުގެ މީހެކެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. މިއުސަމް އަކީ ގިނަ ބަޔަކު ދަންނަ ފޮޓޯގްރާފަރެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ދެ އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އެ މިނިސްޓްރީން އޭނާ ވަކިވީ އަންހެނުންނަށް ޔޫއޭއިން ޓީޗަރެއްގެ ވަޒީފާ ލިބުމުން، އާއިލާއާއެކު އެ ކޮޅަށް ދިރިއުޅުން ބަދަލުވުމަށެވެ.
ދުބާއީ އަށް ބަދަލުވެ، މިއުސަމް މަސައްކަތް ކުރަމުން ދިޔައީ ފުޖެއިރާ އެއާޕޯޓުގައެވެ. މިއުސަމް ނިޔާވިއިރު 12 އަހަރުގެ އަންހެން ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.
إناللهوإناإليهراجعون
މި ޕާޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މިޢުޞަމް މުޙައްމަދު ސަލީމް މިރޭ ދުބާއީގައި ކުއްލިގޮތަކަށް ނިޔާވުމާއި ގުޅިގެން އެ މަރްހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަން. pic.twitter.com/KjdJMhOpuT
— Maldives Reform Movement (MRM)
(@MRM_Office) August 1, 2022
މިއުސަމް އަކީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ނިޔާވުމާއި ގުޅިގެން އެމްއާރުއެމްއިންވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ.