ޖަލުގައި ތިބޭ ކުޑަކުދިންނަށް ދިރާސީ އައު އަހަރު ކިޔަވައިދޭން ތައްޔާރުވެއްޖެ

ޖަލުގައި ތިބޭ ކުޑަކުދިންނަށް ދިރާސީ އައު އަހަރު ކިޔަވައިދޭން ތައްޔާރުވެއްޖެ

Author
މުޙައްމަދު ޖިމީ
26 ޖުލައި 2022 03:18
0

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ދިރާސީ އައު އަހަރާއެކު ކިޔަވައިދޭން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަ ކުދިނަށް ކިޔަވާއި ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައިކަމަށާއި، އެގޮތުން އެކުދިންނަށް ކިޔަވައިދިނުމައް ތައްޔާރު ކުރެވުނު ކުލާސް ރޫމް ރެޑީކުރެވިފައިވާކަމަށެވެ. އުންމީދަކީ މިފެށޭ ދިރާސީ އަހަރުގައި ކިޔަވައި ދޭން ފެށުންކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުންޏެވެ.

ކަރެކްޝަންސްއާއި އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މަޤުޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި ތަޢުލީމުގެ ޤާނޫނު ގެ 6 ވަނަ މާއްދާ އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތުގައި ވިޔަސް އެއްވެސް ތަފާތުކުރުމެއްނެތި ކުއްޖާގެ އުމުރުފުރާއާ ގުޅޭގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިގޮތުން މި އެއްބަސްވުމުގެ ދަށުން ދަރިވަރުންގެ ކިޔެވުން ރާވާ ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށްކަމަށް މިނިސްޓްރީން ވިދަޅުވެއެވެ. އަދި މިކަން ކުރުމަށް އެހީތެރިވެދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިންނެވެ.

އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 1 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން ހިމެނެއެވެ. އަދި އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުށްކުރާ ކުޑަކުދިންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްސީއެސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ 30 ޖަނަވަރީ 2022 ގައި އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރއެއް ހުޅުވާފައެވެ.

އެ ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވިފައިވާ ސެންޓަރެއްކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.