މުޙައްމަދު އިސްމާއިލްގެ މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

މުޙައްމަދު އިސްމާއިލްގެ މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

Author
ޢަލީ އާދަމް
24 ޖުލައި 2022 07:42
0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި, ހަމަނުޖެހުން ހިންގި މައްސަލައިގެ ތަހުގީގަށް ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލްގެ ހައްޔަރުކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

މައްސަލަ ބަލައި ނުގަތުމަށް ނިންމި ކަން ހައިކޯޓުން ހާމަކުރި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިމަހުގެ 7 ވަނަދުވަހު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލާގައި ޕީޕީއެމުން ވަނީ އޭނާ ވަގުތުން ދޫކޮށްލައި، ޔޯގާ ހަރަކާތް ހުއްޓުވުމާގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.

މި މައްސަލާގައި މުޙައްމަދު އިސްމާއީލްއާއި ޕީޕީއެމްގެ އެކްޓިވިސްޓް މުޙައްމަދު ރައްޒާން ހައްޔަރުކުރިއިރު ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ހިފައިގެން ތިބި ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެވެ. ޕީޕީއެމް އޮފީހުން ދިދަތައް ދޫކުރަން މުޙައްމަދު އިސްމާއިލް ހުރި ފޮޓޯތަކެއް އެދުވަހު ދައުރުވި ނަމަވެސް، ހަމަނުޖެހުން ހިނގި ވަގުތުގައި އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.