ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމަށް ބުނެ، ހެއްކާއި ބެހޭ ބިލު ސަރުކާރުން ދިފާޢުކޮށްފިއެވެ.
މަސްދަރު ހާމަކުރުން މަޖުބޫރުކުރާ މާއްދާއެއް އޮތް ހެއްކާ ބެހޭ ބިލަށް ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮއްވާ ރައީސް ވަނީ އެ ބިލު ތަސްދީޤްކުރައްވާފައެވެ. ރައީސް ބިލު ތަސްދީގުކުރެއްވީ ނޫސްވެރިން ޕެޓިޝަނެއްވެސް ހުށައަޅާފައިވަނިކޮށެވެ.
ނަމަވެސް ނޫސްވެރިންގެ އެ ކަންބޮޑުވުންތަކާއެކުވެސް ހެއްކާއި ބެހޭ ބިލު ދިފާއުކުރައްވާ ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤެއްކަމަށާއި އެމީހަކު ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާކަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެެް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނީ މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުކަމަށެވެ. އަދި ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮންނަކަމަށާއި އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނޭކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި މަޢުލޫމާތު ފެތުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީނަމަވެސް އެ ޙައްޤުގެ ބޭނުން ހިފުމުގައި، ޚާއްޞަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭނެކަން ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވެސް ބަޔާންކޮށްފައިވާކަމަށް ބުންޏެވެ. މިގޮތުން ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްއަކީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދީފައިވާ މުޢާހަދާއެއްކަމަށާއި އެހެންނަމަވެސް، ދީމިޤްރާޠީ މުޖުތަމަޢަކަށް ބޭނުންވާނެ ދަރަޖައަށް ރިޢާޔަތްކޮށް، ޤާނޫނުގައި ކަނޑައަޅާ ޝަރުޠުތަކަކުން، ނުވަތަ އަދަބުތަކަކާއެކު، މި ޙައްޤު ވަކި މިންވަރަކަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، މި މިންވަރަށް ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ޤައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަޞްލަޙަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ޞިއްޙަތު ރައްކާތެރިކުރުމާއި، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުން ހިމެނޭކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުގެ ބަޔާނުގައި 40 އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގައި ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށްކަން ފާހަގަކޮށްފައިވެއެވެ. އަދި މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވާކަމަށާއި، އެއީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށްވުންކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކުރެއެވެ. އަދި ފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނީ ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، އިސްވެ ބަޔާންކުރެވުނު ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާކަމަށެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވީ ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.