މަސްދަރު ހާމަކުރަން ނުކެރެންޏާ ނުލިޔާނީ: ތޫބާ ރަޝީދު

މަސްދަރު ހާމަކުރަން ނުކެރެންޏާ ނުލިޔާނީ: ތޫބާ ރަޝީދު

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2022 07:44
0

ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހޯދާ މަސްދަރު ހާމަކުރަން ނުކެރޭ ކަމުގައިވާނަމަ ނުލިޔާނީ ކަމުގައި ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް މެމްބަރު ތޫބާ ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހެއްކާބެހޭ ބިލުގައި ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮވެ، އެކަންކަން އިސްލާހު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ނަމަވެސް، އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އަދަލާތު ޕާޓީގެ ޤައުމީ މަޖިލީހުގައިވެސް ހިމެނި ވަޑައިގަންނަވާ ތޫބާ ރަޝީދު ވިދާޅުވީ މަޤުޞަދު އޮޅުވާލައި އަސްލެއްނެތް ދޮގުވާހަކަ ފަތުރާނަމަ މަސްދަރު ހާމަކުރުވާ ޖަވާބު ދާރީކުރުވެންޖެހޭކަމަށެވެ. މަސްދަރު ހާމަކުރަން ނުކެރޭ ކަމުގައިވާނަމަ ނޫސްވެރިން ނުލިޔާނީކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިބިލުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ފަހިކޮށްފައިވާ އެއްވެސް ހައްގެއް ހަނި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހެއްކާބެހޭ ޤާނޫނު ވަރަށް މުހިންމު ބިލެއް، ބައެއް ފަރާތްތަކުން 27 ވަނަ މާއްދާގެ މަޤުޞަދު އޮޅުވާލައި އަސްލެއްނެތް ދޮގުވާހަކަ ފަތުރާނަމަ މަސްދަރު ހާމަކުރުވާ ޖަވާބު ދާރީކުރުވެންޖެހޭ. ކޮބާތޯ 27 ވަނަ މާއްދާ ހަނިވާ ހަނިވުމަކީ ތެދުވެރިވާން، އަސްލު ހާމަކުރަން ނުކެރެންޏާ ނުލިޔާނީ.

– ތޫބާ ރަޝީދު ވިދާޅުވިއެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހިމަނާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތު އޮތް މީހާއަށް ކުށުން ބަރީއަވެވޭނެ ހާލަތެއް ނެތްނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.

މި ގާނޫނުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.

ހެއްކާ ބެހޭ ބިލު މިއަދު ރައީސް ތަސްދީގުކުރައްވާފައި ވަނީ މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެެވެ. އަދި މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮަރަކަލި
ދެންނޫސްވެރިން ލިއެފައިވާ ލިއުން ތަށްސާފު ސީދާބަހުރުވަކުން ލިއުމަކީ މުހިންމުކަމެއް