ހެއްކާބެހޭ ބިލާހެދި، ލިޔަން ބިރުގަނެ ފަސްޖެހޭކަށް ނުޖެހޭ، ގަދަޔަށް ލިޔުއްވާ: މަހުލޫފް

ހެއްކާބެހޭ ބިލާހެދި، ލިޔަން ބިރުގަނެ ފަސްޖެހޭކަށް ނުޖެހޭ، ގަދަޔަށް ލިޔުއްވާ: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2022 07:25
0

ޤާނޫނީއިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވިީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މަހުލޫފްވަނީ މިޓުވީޓުގައި ނިމިދިޔައ ރައީސް ޔަމީންގެ ވެރިކަމުގައި ނޫސްވެރިންނަށް ހުރަސް އެޅުމަށްކުރި ބައެއް ކަންކަން ހިއްސާކޮށްފައެވެ.

މަހުލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނޫހެއް ބަންދުކޮށް، ނޫސްވެރިކަން ކޮށްގެން ހައްޔަރުކޮށް، ޓީވީ ސްޓޭޝަނެއް ރޯކޮށްލައި، ބިރުދައްކައި، ނޫސްވެރިންނަށް ހަމަލާދީ ހަދާފަވާކަމަށެވެ. ނަމަވެސް މިއީ މިސަރުކާރުން ކުރާނެ ކަންތައްތަކެއް ނޫންކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ބިރުގަނެ، ނޫސްވެރިކަން ކުރަން ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މަހުލޫފް ވިދާޅުވިއެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހިމަނާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތު އޮތް މީހާއަށް ކުށުން ބަރީއަވެވޭނެ ހާލަތެއް ނެތްނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.

މި ގާނޫނުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.

ހެއްކާ ބެހޭ ބިލު މިއަދު ރައީސް ތަސްދީގުކުރައްވާފައި ވަނީ މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެެވެ. އަދި މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sakoon
މިނިވަން ކަމާއެކު ލިޔަންވީ ކީކޭބާ ލިޔެވޭނީ ކީކޭބާ މަހޭ އަޅެ ބުނެ ބަލަ ދެއިރު ދެދަޅައަށް ރާއްޖޭގެ މޫސުމް ބާ ލިޔަންވީ. މިކަލޭގެ ޗަރަށް އުފާވާނެތާ ޢެބުނާ ލިސްޓެއްގަ ވެސް މީނާގެ ނަން އޮތް ވިއްޔަ ޟިހާރު އެވާހަކަ ތަކެއް ނުލިޔެވޭނެ އެއްނު .