ރައީސް ސޯލިހު ވެރިކަމަކީ 4 ސިޔާސީ ޕާޓީއަކުން އެކުވެގެން ކުރި ވަރުގަދަ ކެމްޕޭނަކުން ހޯދުނު ކާމިޔާބީއަކުން އުފެދުނު ވެރިކަމެކެވެ. އެމްޑީޕީގެ އިތުރުން ޖުމުހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އަދި މީގެއިތުރުން ޕީޕީއެމް އޭރު ކޯލިޝަންގައި ތަމްސީލުކުރި ރައީސް މައުމޫނު ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެވެ.
ކޯލިޝަންގެ ސަރުކާރު އުފެއްދުމަށްޓަކާ އެއްބަސްވުންތަކާއި، އަހުދު ކަށަވަރުތައް ވެފައިވެއެވެ. ކޯލިޝަން އެއްބަސްވުމުގައި ޕާޓީތަކުން ތަމްސީލުކުރި މަންދޫބުން ސޮއިވެސް އެޅުއްވިއެވެ. މީގެތެރޭގައި، 4 ޕާޓީން ކެބިނެޓް ހިއްސާ ކުރުމާއި، އޭރު ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން އެކުގައި ވާދަކުރުމާއި، ސިޔާސީ މަގާމްތައް ކުރިން އެއްބަސްވެފައި ވާގޮތުގެ މަތިން ހިއްސާ ކުރުމާއި، އަދި މީގެ އިތުރު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީތަކުން އެކީގައި ވާދަކުރުންވެސް ހިމެނެއެވެ.
އަދި މީގެއިތުރުންވެސް ކޯލިޝަން ވަރުގަދަކޮށް ބޭއްވުމަށްޓަކާ، 4 ލީޑަރުން ބައްދަލުކޮށް މަޝްވަރާ ކުރުމާއި، ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ހޯދާ ދިނުމަށްޓަކާ ކޯލިޝަން ގާނޫނުގެ ނަމުގައި ގާނޫނު ވުޖޫދަށް ގެނެސް، ގާނޫނީ ބަނުމަކުން ކޯލިޝަން ބަދެލުންވެސް މީގެ ތެރޭގައި ހިމެނިގެން ދިޔައެވެ.
އަދި މިނޫނަސް މިފަދަ ތަފާތު އެތައް ކަމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނަކުން ވެރިކަން ކުރުމުގެ ވައުދަކީ، "ރައީސް ޔާމިންގެ ޚުދުމުޚްތާރު ވެރިކަން" ނިމުމަކަށް ގެނައުމަށް 4 ލީޑަރުން ރައްޔިތުންނަށް ވީ ވައުދުތަކެވެ.
ފާއިތުވެދިޔަ 2 އަހަރު ދުވަހަށް ބަލާއިރު، ތަފާތު އެކިފަހަރުމަތިން މީޑިޔާތަކަށް ދެއްވި ބަސްދީގަތުންތަކުގައާއި އަދި ދެއްވި ޕްރެސްތަކުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ދަމަހައްޓަވަމުން ގެންދަވަނީ ކޯލިޝަންގެ ވެރިކަމެއް ކަމުގައެވެ. އަދި ދަމަހައްޓަވާނީވެސް ކޯލިޝަންގެ ވެރިކަމެއް ކަމުގައެވެ.
ކޯލިޝަން އުފަންވީ ކިހިނެއް؟
މިހާރު ވެރިކަން ކުރާ ކޯލިޝަން އުފެދިގެން އައީ މައިގަޑު 4 އަސާސެއްގެ މައްޗަށެވެ. އެއީ ރައީސް ޔާމިން ވެރިކަމުން ދުރުކުރުމާއި، އޭރު ޖަލުގައާއި ރާއްޖެއިން ބޭރުގައި ފުރަބަންދުގައި ތިއްބެވި ލީޑަރުން މިނިވަން ކުރުމުގެ މައްޗަށާއި އަދި މީގެއިތުރުން، ސިޔާސީ މަގާމުތައް ޕާޓީތަކުގެ މެދުގައި ބެހިގެންދިއުމުގެ އިތުރުން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ޕާޓީތަކުގެ މެދުގައި ބަހާލުމުގެ މައްޗަށެވެ.
މި 4 ކަމުގެ ތެރެއިން، ރައީސް ޔާމިންގެ ވެރިކަން ނިންމުމާއި އަދި ބަންދުގައި ތިއްބެވި ވެރީން މިނިވަން ކުރުން ވެގެންދިޔައީ ކޯލިޝަން ލީޑަރުންގެ ސީދާ މަސްލަހަތާއި ގުޅުންހިރި ކަންކަމުގެ ގޮތުގައެވެ. ސަބަބަކީ ކޯލިޝަންގެ 4 ލީޑަރުންގެ ތެރެއިން އެމްޑީޕީގެ ރައީސް ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ފާޅުކުރައްވައިގެން މަސައްކަތް ކުރެއްވި ދެބޭފުޅުން ކަމުގައި ވާތީއެވެ. ހަމަ އެއާއެކު، ދެން ތިއްބެވި ބޭފުޅުންނަކީވެސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ނުތިއްބަވާ މިނިވަންވާން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންކަމުގައި ވާތީއެވެ.
އެހެންކަމުން 2018ގެ ރިޔާސީ އިންތިޚާބަށް އުފެދިގެންދިޔަ ކޯލިޝަނަކީ، ގައުމީ ތަރައްގީއާއި އަދި އެނޫނަސް ގައުމީ ޖަޒުބާތުތަކާއި ގުޅުންހުރި ކަންކަމުގެ މައްޗަށް އުފެދިގެންދިޔަ ކޯލިޝަނަކަށްވުރެ ބޮޑަށް، ކޯލިޝަން އުފަންވާން މެދުވެރިވި މައިގަޑު އަސާސްތަކާއި ގުޅުން ހުރި ކަންކަމުގެ ގޮތުގައި ފާހަގަ ވެގެންދިޔަ ކަންކަމަކީ، ފަރުދީ ހައިސިއްޔަތުން ކުރިމަތިވެފައިވާ ގިލަންވެރިކަމުން ސަލާމަތްވުމާއި ގުޅުން ހުރި ކަންކަމެވެ. އަދި އެއަށްފަހު، ރައީސް ޔާމިންގެ ސަރުކާރުގެ ސިޔާސަތުތަކުން ގައުމަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކުން އަރައިގަތުންވެސް އުފެދިގެންދިޔަ ކޯލިޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމުގައި ދެންނެވިދާނެއެވެ.
2018ގެ ރިޔާސީ އިންތިޚާބަށް އުފެދިގެން އައި ކޯލިޝަން އޭގެ ޒާތުގައި އުފެދިގެ އައީވެސް ބާރުގަދަ ކޯލިޝަނެއްގެ ގޮތުގައެއް ނޫނެވެ. މިކަމުގެ އެއް ހެއްކަކީ، ކޯލިޝަންއެއް އުފައްދާ އެތައް މަސްތަކެއް ފާއިތުވެގެންގޮސް، 4 ލީޑަރުން އެކީގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރުވެސް، ލީޑަރުންގެ ތެރޭގައި ސީދާ ގޮތެއްގައި މުޢާލަމާތު ނުކޮށް، ބައެއް ލީޑަރުން ޕްރޮކްސީ މެދުވެރިކޮށްގެ މުއާމަލާތު ކުރައްވަމުން ގެންދެވިކަމެވެ. އަދި ކޯލިޝަން ލީޑަރުންނަކީ އޭރު ކުރެވުނު މަސައްކަތުގެ ތެރެއިން އެއްވެސް އިރަކު މޫނާ މޫނު ދިމާވެ، އެކީގައި މަސައްކަތްކުރަމުން ގެންދެވި ލީޑަރުންކަމުގައިވެސް ވެގެން ނުދިއުމެވެ.
އުފެދިގެން އައި ކޯލިޝަން މަސައްކަތް ކުރަމުން އައިގޮތް
ރިޔާސީ ކެޑިޑޭޓްގެ މަގާމް އެމްޑީޕީއަށް ދިނުމަށްފަހު، ރަނިންގ މޭޓުގެ މަގާމް ދޭން ކޯލިޝަނުން އެއްބަސް ވެފައި އޮތީ ދެވަނައަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީއަށެވެ.
ރަނިންގ މޭޓުގެ މަގާމް ޖުމްހޫރީ ޕާޓީއަށް ދިއުމާއެކު، މަޖިލިސް ރައީސްކަން ރައީސް މައުމޫނަށް ލިބިލައްވަންޖެހޭ ކަމަށް އެމަނިކްފާނު ދެކެވަޑައިގަތް ކަމަށް ވެއެވެ. އެހެންނަމަވެސް، އެ މަގާމަށް ޖުމުހޫރީ ޕާޓީގެ ޝައުގުވެރިކަން އިންތިހާއަށް އޮތުމާއެކު، އެޕާޓީއަށް ރަނިންގމޭޓުގެ ސްލޮޓު ލިބިގެންދިޔަ ނަމަވެސް، މަޖިލިސް ރައީސްކަމުގެ ޝައުގުވެރިކަން ޖުމްހޫރީ ޕާޓީން މުޅީން ދޫކޮށްލާފައެއް ނުވެއެވެ. އެހެންނަމަވެސް މަޖިލިސް އިންތިޚާބަށްފަހު، ރައީސް މައުމޫނުގެ ފަރާތުން ވާދަކުރި އެއްވެސް ކެޑިޑޭޓަކަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބިގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، މަޖިލިސް ރައީސްކަމަށް އިތުރަށް ޑިމާންޑް ކުރާކަށް އެމަނިކްފާނަށް ޖާގައެއް ލިބިގެން ނުދިޔައެވެ.
ކޯލިޝަން ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރިމަތިލީ އިމްތިހާންތަކުން ކޯލިޝަން ސަރުކާރު ފާސްވެގެން ދިޔައެވެ. ސަބަބަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތްޕުޅަކީ ކޯލިޝަންގެ ވެރިންނާއި، ވެރިންނާއި ގުޅުންހުރި ފަރާތްތަތައް މިނިވަން ކުރެއްވުމެވެ. އެމައްސައްކަތް ވަރަށް ފުރިހަމަޔަށް ކާމިޔާބުވެގެން ދިޔައެވެ.
ދެވަނައަށް ކުރިމަތިލެއްވި އިމްތިހާނަކީ ކޯލިޝަން ސަރުކާރުގެ ކެބިނެޓާއި އަދި ސިޔާސީ މަގާމްތައް ކޯލިޝަން ޕާޓްނަރުންގެ މެދުގައި އިންސާފުވެރިކަމާއެކު ބައްސަވާލެއްވުމެވެ. މި މަސައްކަތުގެ ތެރެއިން ކެބިނެޓްގެ މަގާމްތައް ހަމަހަމަ ކަމާއެކު ބައްސަވާލެއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ.
އެހެންނަމަވެސް، ކެބިނެޓްގެ އިތުރުން ޕާޓީތަކުގެ މެދުގައި ސިޔާސީ މަގާމްތައް ބެހުމުގައި 4 ލީޑަރުންގެ މެދުގައި އެއްބަސް ވެވުނުގޮތަށް އެމަސައްކަތް މިހާތަނަށް އައި އިރުވެސް ކުރެވިފައި ނުވާކަމުގެ ޝަކުވާތަކުގެ އަޑުތައް މިއަދުވެސް އިވެމުން ދެއެވެ. ދައުރު ފެށިގެން އައިއިރު، މިއަޑުތައް ބޮޑަށް އިވެމުން އައީ ޕާޓީތަކުގެ ތެރެއިންނެވެ. ބައެއްފަހަރު ސީދާ ލީޑަރުންވެސް މިޝަކުވާތައް ކުރައްވާފައި އެބަހުއްޓެވެ.
އެހެންނަމަވެސް، ވެރިކަމަށް 2 އަހަރުވެގެން ދިޔައިރު، މިއަދު ސިޔާސީ މަގާމްތައް ނުލިބިގެން ހިތުގައި ނުތަނަަވަސްކަން އޮތް ކަމުގައި ބެލެވެނީ، މިމަގާމްތަކުގެ އިންތިޒާރީގައި ތިބި ފަރާތްތަކުން އެކަންޏެވެ. ޕާޓީތަކުގެ ލީޑަރުންވެސް، އެޕާޓީތަކުގެ އެކްޓިވިސްޓުންގެ ތެރެއިން ނުހަނު އުއްމީދުގައި ތިބި އެހެނަސް މަގާމްތައް ނުލިބިދިޔަ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކޮށްދޭ މަންޒަރު މިއަދު ފެނިގެނެއް ނުދެއެވެ.
މީގެ އިތުރުން، ކޯލިޝަން ވެރިކަމަށް އައިސް ފާއިތުވެގެން ދިޔަ ފުރަތަމަ 5 މަހެއްހާ ދުވަހުގެ ތެރޭގައި ލީޑަރުންތައް އެކުއެކީގައި ވީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރި މަންޒަރު ކުޑަމިނުން މީޑިއާތަކަށް ސިފަވެގެން ދިޔައެވެ. އަދި ކޯލިޝަން ސަރުކާރުން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއްވައުދު ކަމުގައިވާ، ރައްޔިތުންގެ މަޖިލިސް ކޯލިޝަން ޕާޓީތަކުގެ މެދުގައި ބަހާލުމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔަ މަންޒަރުވެސް ފެނިގެން ދިޔައެވެ. އެހެންނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުން ދޫނުދީ، އަދި އެޕާޓީގެ ރައީސް ބޭނުންފުޅު ނުވެގެން، މަޖިލިސް ޕާޓީތަކުގެ މެދުގައި ކުރިން އެއްބަސްވެވުނު މަގަށް ބެހުމުގައި ރައީސް ސޯލިހަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
އަދި، ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ކުރެވުނު މަސައްކަތުގެ ކުރިޔަށް އޭރު ނުކުންނެވި 12 މެމްބަރުންނަށް އެމެމްބަރުންގެ ދާއިރާތައް ޚާއްސަކޮށްދިނުމަށް 4 ލީޑަރުން ވެވަޑައިގެންފައިވާ ވައުދުވެސް ނުފުއްދި، މަޖިލިސް އިންތިޚާބާއި އެންމެފަހުން ޕާޓީތަކުން ވަކިވަކިން ކުރިމަތިލީއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ، އެމްޑީޕީ ނޫން ޕާޓީތައް މިއިންތިޚާބުގައި ބޮޑުތަނުން ބަލިވެގެން ދިއުމެވެ. ރައީސް މައުމޫނާއި އަދާލަތު ޕާޓީއަށް މަޖިލީހުން އެންމެ ގޮޑިއެއްވެސް ކަށަވަރު ވެގެނެއް ނުދިޔައެވެ.
ކޮންމެއަކަސް، 4 ލީޑަރުންގެ އަމިއްލަ މަސްލަހަތާއި ގުޅުންހުރި ހުރިހާ މައްސަލައެއްވެސް ނިމިގެން ދިޔައީ ލީޑަރުންގެ މަސްލަހަތުގައެވެ. ލީޑަރުންގެ ފަހަތުން ކޯލިޝަން ކުރިއަރުވަން ނިކުތް ޕާޓިތަކަށް ނިސްބަތްވާ އެހެން ހުރިހާކަމެއް ކަހަލަ ގޮތަކަށް ނިމިގެން ދިޔައީ ދިމާ އިދިކޮޅަށެވެ.
ނަތީޖާއަކީ ނަމުގައި ކޯލިޝަނެއް އޮތެއްކަމަކު، 2019ގެ މަޖިލިސް އިންތިޚާބަށްފަހު، ކޯލިޝަން އޭގެ ޒާތުގައި މަސައްކަތް ނުކުރާތަން ބޮޑަށް ފެނިގެން ދިއުމެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ، ޕާޓީތަކުގެ ލީޑަރުން ކެތްތެރިކަމާއެކު ކޯލިޝަންގެ ޓެގް ޖައްސަވައިގެން ތިއްބެވި މަންޒަރެވެ.
ހަގީގީ ސަބަބަކީ ކޮބައިކަމެއް އެގޭކަށް ނެތެވެ. އެހެންނަމެސް، ކޯލިޝަންގެ ހުރިހާ ލީޑަރުންނަކީވެސް، ލީޑަރުން އަމިއްލަފުޅަށް، ނުވަތަ ލީޑަރުންގެ ދަރިން ނުވަތަ އަނބިން ކެބިނެޓަށް ލައްވައިގެން ތިއްބެވި ބޭފުޅުން ކޮޅެކެވެ. ފެންނާން އޮތް ހަގީގަތަކީ މިއީއެވެ.
2 އަހަރަށްފަހު ސަރުކާރުގައި ކޯލިޝަންގެ ހިއްސާ
ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރަށް 2 އަހަރު ފުރިގެން ދިޔައިރު، މިއަދު ކޯލިޝަންގެ ތަރުތީބަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މީގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ކެބިނެޓަށް އައިސްފައިވާ ބަދަލުތަކެވެ. މުޅި ކެބިނެޓުގެ %53 މިހާރު ހިއްސާ ކުރަނީ އެމްޑީޕީއެވެ. ޖުމުހޫރީ ޕާޓިއަށް ނިސްބަތްވާ 2 ވަޒީރަކު އެކި ވަޒީރުން އެކި ސަބަބުތަކާހުރެ ވަކިވެއްޖެއެވެ. އަދާލަތު ޕާޓީގެ 1 ވަޒީރަކު އިސްތިއުފާ ދެއްވީއެވެ. އެމްއާރުއެމްގެ 1 ވަޒީރަކު މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ޓުއަރިޒަމް މިނިސްޓްރީ ފިޔަވާ ދެންހުރި ސްލޮޓްތައް އެޕާޓީތަކަށް ނުލިބި، ދިޔައީ އެމްޑީޕީއަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމަތަކަށް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އައްޔަން ކުރެވުނު ގިނަ ބޭފުޅުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. މަޖިލިސް ރައީސްވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ. ޖޭއެސްސީގެ ރައީސަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ސަރުކާރަށް 2 އަހަރު ވެގެން ދިޔައިރު، ޕާޓީތަކުން މަގާމްތައް ހޯދުމަށް ފޮނުވާފައިވާ ލިސްޓް ކިތައްމެހާވެސް ދިގުވެ، ކިއޫގައި މަޑުކޮށްލައިގެން ތިބި ޕާޓީތަކުގެ އެކްޓިވިސްޓުންގެ އަދަދު ނުހަނު ގިނަކަމުގައި ވެއެވެ.
މި ތަރުތީބުތަކަށް ބަލާއިރު، ފާއިތުވި 2 އަހަރު، ކޯލިޝަން ސަރުކާރަށް އައިސްފައިވާ ބަދަލުތަކުން، 2019 ވަނަ އަހަރު ވެރިކަމަށް އައި ކޯލިޝަން ރަމްޒުކޮށްދެމުދާ ކަމަށް މިއަދަކު ދެންނެވޭކަށް ނެތެވެ.
އެހެންނަމަވެސް، ރައީސް ސޯލިހުވެސް ވިދާޅުވާ ފަދައިން މިއޮތީ ކޯލިޝަން ސަރުކާރެކެވެ. ތެދުފުޅެލެވެ. ކޯލިޝަން ސަރުކާރުގެ އެއްވެސް ޕާޓީއަކުން ކޯލިޝަންއިން ވަކިވިކަމެއް އިއުލާނެއް ނުކުރެެއެވެ. ކޯލިޝަން ރަސްމީކޮށް އުވާލެވުނުކަމެއް ކޯލިޝަނަކުންވެސް އިއުލާނެއް ނުކުރެއެވެ. ތެދުފުޅެކެވެ. އަދިވެސް މިއޮތީ ކޯލިޝަން ސަރުކާރެކެވެ.
ކޯލިޝަންއަކީ ކާމިޔާބު ކޮންސެޕްޓެއްތަ؟
2008 ވަނަ އަހަރުގެ އާގާނޫނު އަސާސީއަށްފަހު ވުޖޫދުވެގެން އައި ކޮންމެ ސަރުކާރެއްވެސް ވުޖޫދުވެގެން އައީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ކޮންމެ ސަރުކާރެއްގެވެސް ކުރީކޮޅު ކޯލިޝަން ވަނީ އުވިގެން ގޮސްފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރު އޭރުގެ ކޯލިޝަން ރޫޅި، ކޯލިޝަން ޕާޓްނަރުން ހަތުރުންނަށް ވެގެން ދިޔައެވެ. ރައީސް ޔާމިންގެ ވެރިކަމުގެ 2 ވަނަ އަހަރު މުޅި ކޯލިޝަން އެކީއެކަށް ރޫޅި، ކޯލިޝަން ޕާޓްނަރުން ހަތުރުންނަށް ވެގެން ދިޔައެވެ.
އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އުފެދިގެން އައި ކޯލިޝަން މިއަދާހަމައަށް މިއައީ ރަސްމީގޮތުން ރޫޅުމެއް ނެތިއެވެ. ކޯލިޝަން ޕާޓްނަރަކު ކޯލިޝަން ދޫކޮށްލިކަމެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އަދި ޚުދު ރައީސް ސޯލިހުވެސް އަދިވެސް ވިދާޅުވަމުން ގެންދަވަނީ ވެރިކަން ކުރައްވަމުން ގެންދަވަނީ ކޯލިޝަނެއްގެ ތެރެއިން ކަމުގައެވެ.
ތެދުފުޅެކެވެ. ކަމުން ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީނަމަވެސް، ނަމުން ކޯލިޝަން ދެމިއެބަ އޮތެވެ. ކޯލިޝަންގެ އެއް ޕާޓްނަރުންގެ އަނބިކަބަލުން ކެބިނެޓްގައެވެ. އަނެއް ޕާޓްނަރުގެ ދަރިކަބަލުން ކެބިނެޓްގައެވެ. ދެން ހުންނެވި ޕާޓްނަރު ހުންނެވީ އަމިއްލަފުޅަށް ކެބިނެޓްގައެވެ. މިއިން އެއްވެސް ރޮއްޖެއް މިއިން ޕާޓްނަރަކަށް ކަޑުއްވާލެއްވޭކަށް ނެތެވެ. އެހެންކަމުން ކޯލިޝަން ރޫލުމަކަށް ޖާގައެއް ނެތެވެ. ނަމުން އޮތީ ކޯލިޝަންއެކެވެ.
ފެންނާން އޮތް ހަގީގަތަ،ކީ އިސްވެ ދެންނެވުނު ސަބަބު ތަކަށްޓަކާ ނަމުން ކޯލިޝަން ދެމިއޮތް ކަމުގައި ވީނަމަވެސް، ވެރިކަން ކުރުމަށް ކޯލިޝަނަކީ ކާމިޔާބު ގިއުގަޑެއް ނޫންކަމެވެ. އޭގެ ބަދަދަލުގައި ވެރިކަމަށް އައުމަށް ކޯލިޝަނެއްގެ ގިއުގަޑު ނުހަނު ކާމިޔާބު ކަމެވެ. އެހެންކަމުން ޔަގީންވާން އޮތްކަމަކީ، ރައީސް ސޯލިހުގެ ވެރިކަމަށް 2 އަހަރު ފުރިގެންދާއިރު އަދިވެސް ނަމުން ކޯލިޝަނެއް ދެމި އޮތްކަމެވެ. ކަމުން އޮތީ ކޯލިޝަނެއްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ކިޔުންތެރީންނެވެ.