އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

Author
ހުސައިން
17 އޭޕްރިލް 2025 09:08
0

ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދިނުމަށްޓަކައި އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މިކްލިނިކް ހުޅުވައިދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވީ ހުޅުމާލެފަދަ އިތުރުވަމުންދާ އާބާދީއެއް ހިމެނޭ ސަރަޙައްދެއްގައި މިފަދަ ކްލިނިކެއް ހުޅުވިގެން ދިއުމަކީ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި އިތުރަށް ސީއީއޯ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެކަނިވެސް 5,076 މީހެއްގެ ފާރުގަނޑުތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.

ޒަމާނީ ވަސީލަތްތަކާއި އެކު، ހުޅުވުނު މި ކްލިނިކް ހިންގުމުގެ ހުރިހާ ކަމެއް ޚާއްސަ ގޮތަކަށް މެނޭޖްކުރެވިގެން ކުރިއަށްގެންދާނެ ކަމަށްވެސް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.

ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ޕްލާސްޓިކް ސަރޖަރީ ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ، މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ފަރުވާ ހޯދުމަށް ދާންޖެހެނީ މާލެއަށް ކަމަށެވެ. އެހެންކަމުން މި ކްލިނިކް ހުޅުވުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ފައި ތަނެއްގަ ގިނަދުވަހު ފާރުކޮޅެއް ޖަހާފަ ހުންނަ ބޭފުޅަކު ފަރުވާ ހޯދަން ދާންމިޖެހެނީ ވަރަށް ދުރަށް. އައިޖީއެމްއެޗުން ހަފްތާއަކު ދެ ފަހަރު ވުންޑް ކެއާ ކްލިނިކްގެ ހިދުމަތް މި ހޯދަނީ. މި ކްލިނިކް ހުޅުމާލޭ ހޮސްޕިޓަލްގަ ފެށުމުން އެބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ" ޑރ. މުޙައްމަދު ވަހީދު ވިދާޅުވިއެވެ.

ގިނަދުވަސްވީ ފާރުތަކަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުންނާއި، ބޮޑެތި އެކްސިޑެންޓުތަކުގެ ސަބަބުން ލިބޭ އަނިޔާތަކުގައި ގިނަ ދުވަސްވަންދެން ފަރުވާދޭންޖެހޭ މީހުން ހިމެނޭއިރު، އެނދުމަތިވެ ގިނަ ދުވަސްވެފައިވާ މީހުންނަށްވެސް ބައެއް ހާލަތްތަކުގައި ފާރަށް ފަރުވާ ދޭންޖެހެއެވެ.

މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފާރުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް، އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކް ހުޅުވުމާއެކު، ބަލިމީހާ ކްލިނިކުގައި ރަޖިސްޓްރީކުރެވި މުޅި ފަރުވާގެ މަރުހަލާ އަދި ބަލިމީހާ ދައްކަންޖެހޭ ދުވަސްތައްވެސް ކްލިނިކުން ހަމަޖައްސައިދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.