ގަވާއިދުން ފައިސާ ދޭން ފެށުމާއެކު މަސްވެރިކަމާ ދުރަށްދިޔަ އެތައް ބަޔަކު ދަނީ އެނބުރި އަންނަމުން: ރައީސް

ގަވާއިދުން ފައިސާ ދޭން ފެށުމާއެކު މަސްވެރިކަމާ ދުރަށްދިޔަ އެތައް ބަޔަކު ދަނީ އެނބުރި އަންނަމުން: ރައީސް

Author
ހުސައިން
17 އޭޕްރިލް 2025 09:07
0

ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމާ ގުޅިގެން، ކުރިން މަސްވެރިކަން ދޫކޮށްލައިފައިވާ އެތައް ބަޔަކު އަލުން މި ދާއިރާއަށް އެނބުރި އަންނަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ "ރައްޔިތުންނާއެކު" ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވޭ ނިޒާމެއް ގާއިމްކުރެވިފައިވާ ކަމަށެވެ. މި ނިޒާމުގެ ދަށުން މިހާތަނަށް 470 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ކުރީގަ މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު، ޚާއްޞަކޮށް ޒުވާނުން، އަނބުރާ ހިނގައްޖެ، އެބަދޭ މިހާރު މަސްވެރިކަމަށް. އެހެން މަސައްކަތްތައް ފަށާފަ އޮފީސްތަކަށް އާންމުކޮށް މި ހުންނަ ކަހަލަ ވަޒީފާތަކަށް ދާ ޒުވާނުން މިހާރު އަނބުރާ އެބަދޭ. އެއީ އަޅުގަނޑު ބޭނުންވި ގޮތް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މަސްދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިން އިތުރުވުމަކީވެސް ސަރުކާރުގެ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ތެލުގެ މައްސަލަކަން ފާހަގަކުރައްވައި، މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު އެސްޓީއޯއާ ހަވާލުކުރެވިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން މި ނިޒާމު ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް މުޢިއްޒު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.