ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ސާވެއިލަންސް ޓަވަރެއް އެމެރިކާއިން ސުންނާފަތިކޮށްލައިފި

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ސާވެއިލަންސް ޓަވަރެއް އެމެރިކާއިން ސުންނާފަތިކޮށްލައިފި

Author
އަހުމަދު
17 ޖުލައި 2026 11:30
0

އީރާނުގެ ޗާބަހާރު ބަނދަރުގައި ހުރި، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ބޭނުންކުރަމުން އައި މުހިންމު ސާވެއިލަންސް ޓަވަރެއް އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ސުންނާފަތިކޮށްލައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗާބަހާރު ޝަހީދު ކަލަންތަރީ ބަނދަރުގައި ހުރި އެ ޓަވަރު ސުންނާފަތިކޮށްލެވުނީ ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ.

ސެންޓްކޮމް އިން ބުނާ ގޮތުގައި މި ޓަވަރަކީ ގަލްފް އޮފް އޮމާން ސަރަޙައްދުގެ އައްސޭރިފަށުގައި، ގާތްގަނޑަކަށް 10 އަހަރެއްހާ ދުވަހު އީރާނުގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އައި ސާވެއިލަންސް ނެޓްވޯކްގެ މުހިންމު ބައެކެވެ. ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރު ދެނެގަނެ، އެ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އީރާނުން ބޭނުންކުރަމުން ދިޔައީ މި ޓަވަރު ކަމަށް އެމެރިކާއިން ބުނެއެވެ.

ޓަވަރު ހަލާކުކޮށްލުމުން، ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރާ ބޯޓުފަހަރުގައި ތިބޭ ސިވިލް ފަޅުވެރިންނަށް ޙަމަލާ ދިނުމުގެ ޤާބިލްކަން ސީދާގޮތެއްގައި މިހާރު އީރާނަށް ނެތް ކަމަށް ސެންޓްކޮމް އިން ބުނެއެވެ. އަދި މި ޙަމަލާއާ އެކު، އެމެރިކާ ސިފައިން އީރާނާ ދެކޮޅަށް ޤާއިމުކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ފޫއަޅުވާލަން މަސައްކަތްކުރާ އުޅަނދުފަހަރު ފިޔަވައި، ސަރަޙައްދީ ކަނޑުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކަށްވެސް ދަތުރު ކުރުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު އީރާނުން ތަރައްޤީކޮށް ހިންގަމުން އައި ޗާބަހާރު ބަނދަރަކީ ކުރިންވެސް އެމެރިކާގެ ވައިގެ ޙަމަލާތަކުގެ ޢަމާޒަކަށްވެފައިވާ ބަނދަރެކެވެ. ބުރާސްފަތި ދުވަހު ސުންނާފަތިކޮށްލި ޓަވަރަށްވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޙަމަލާ ދީފައި ވެއެވެ.

މި ފަހަރު ދިން ޙަމަލާގައި ޓަވަރަށް ބޮން އެޅި ކަން އީރާން ދައުލަތުގެ މީޑިއާއިން ކަށަވަރު ކޮށްދިން ނަމަވެސް، ޓަވަރު އެއްކޮށް ސުންނާފަތިވެ ބޭނުން ނުކުރެވޭ ވަރު ވި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.