މާލޭގައި ދެ ޕާކިން ބިލްޑިންގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

މާލޭގައި ދެ ޕާކިން ބިލްޑިންގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

Author
އަހުމަދު
17 ޖުލައި 2026 11:32
0

މާލޭގައި ދިމާވެފައިވާ ޕާކިން ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް، މި އަހަރުގެ ތެރޭގައި މަދުވެގެން ދެ ޕާކިން ބިލްޑިންއެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ޕާކިން ބިލްޑިން އެޅުމުގެ މަޝްރޫޢު މިހާތަނަށް ލަސްވެގެންދިޔައީ ބޭރުގެ ފަރާތްތަކުގެ އެހީގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތެއް ހޯއްދެވުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރެއްވުމުގެ ބަދަލުގައި، ސަރުކާރުގެ އަމިއްލަ ފައިންޕުޅުގައި ނަމަވެސް މި މަޝްރޫޢު ފަށްޓަވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން، މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ 13 ބުރީގެ އިމާރާތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޕާކިން ބިލްޑިންއަށް ވާއިރު، އެ ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށްވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 800 އަށްވުރެ ގިނަ ޖާގަ ހިމެނޭނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މި މަޝްރޫޢުތައް ކުރިއަށްގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ޓްރެފިކް ފްލޯއަށް އިސްކަންދީގެން ކަމަށާއި، އިމާރާތްތަކުގައި ވިޔަފާރިތަކަށް ޚާއްޞަ ކޮމާޝަލް ސްޕޭސް ވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި އުޅަނދު މަދުކޮށްގެން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށާއި، އެކަމަށްޓަކައި ސަރަޙައްދީ އާބަން ސެންޓަރުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. "މިތަނުގައި މީހުން އިތުރުނުވާ ކަމަށް ވާނަމަ ވެހިކަލްތަކެއް ވެސް އިތުރެއް ނުވާނެ ނޫންތޯ،" ރައީސް ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މައްސަލަތަކުގެ ނަތީޖާ ދެތިން އަހަރު ދުވަހުގެ ތެރޭގައި ނުފެންނާނެ ކަމަށާއި، ނަމަވެސް މަގުތައް ހެދުމާއި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބާރު މިނުގައި މާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ޢަދަދު ވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން ޕާކިންގެ މައްސަލައަކީ ޒަމާނުއްސުރެ ދާއިމީ ހައްލެއް ނުލިބި އޮތް މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.