އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައެވެ. ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށްވެސް ފިނޭންސް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިނިސްޓްރީން ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެކަމަށެވެ.
މަޖިލީހުގެ ފަހު ދައުރަށް މިބިލް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ޤާނޫނަށް އިސްލާހު ގެނެސް އަންނަ އަހަރު ފެށާއިރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ސަރުކާރުން ނިންމި ނަމަވެސް އެ ޓެކްސް ދެ އަހަރު ފަހުން ބޮޑުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ލަފާ ދީފައެވެ. އައިއެމްއެފްއިން ބުނީ މި ހާލަތުގައި ޖީއެސްޓީއާއު ޓީޖީއެސްޓީ ޓެކްސް ބޮޑުކޮށް ނެގުމުގެ ބަދަލުގައި 2024 ވަނަ އަހަރު ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށެވެ.
އަދި 2024 ވަނަ އަހަރުން ފެށިގެން ވެސް ޓެކްސް ބޮޑުކުރަން ބުއްދިވެރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޑުމަޑުން މަރުހަލާތަކަކަށް ބަހާލައިގެން ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށާއި އަދި އޭގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް އިތުރުވުން ގާތް ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ޓީޖީއެސްޓީ ޓެކްސްއާއި ޖީއެސްޓީ ޓެކްސްވެސް ދުރު މުސްތަގުބަލުގައި އެއް ވަރަކަށް ނެގުމަށް ބާރު އަޅާފައި ވެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.