1994ގެ މިސް ޔުނިވާސް ސުޝްމިތާ ސެން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އިންޑިއާގެ ވިޔަފާރިވެރިޔާ ލަލިތު ކުމާރް މޯދީ ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައެވެ.
ގައިގޯޅި ފޮޓޯ ތަކަކާއެކު ލަލިތު މިކަން އިއުލާން ކުރުމާއެކު ގިނަ ބައެއްގެ ނުރުހުމާއި، ހިތްހަމަ ނުޖެހުން ވަނީ ސުޝްމިތާއަށް ރައްދުވެފައެވެ. 46 އަހަރުގެ ސުޝްމިތާ އާއެކު ލަލިތު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ނަގާފައި ހުރި ގައިގޯޅި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާއަށް ވަނީ ދޫކޮށްލާފައެވެ.
ލަލިތާ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، މިހާރު ހުރީ ވަރަށް އުފަލުން ކަމަށާއި، މިއީ އަނެއްކައިވެސް އައު ފެށުމެއް ކަމަށް ބުނެ ސުޝްމިތާ ވެސް ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ.
އުމުރުން 56 އަހަރުގެ ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އޭނާގެ އަނބިމީހާ ކެންސަރު ބަލީގައި 2018 ވަނަ އަހަރު މަރުވެފައިވާއިރު، އެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވެއެވެ.
Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
ސުޝްމިތާ ލަލިތަށް ވުރެ 10 އަހަރު ހަގެވެ. އަދި ފޮޓޯ ތަކުންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ބުނެފައިވަނީ އެ ޖޯޑު އެއްވެސް ވަރަަށް ނުގުޅޭ ކަމަށެވެ. އަދި ހީވަނީ ބައްޕަ އަކާއި ދަރިއެއް ހެން ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ގިނަ ބަޔަކު ބުނީ މިފަހަރު ސުޝްމިތާ ލޯބި ވީ ނޫން ކަމަށާއި އޭނާ މިފަހަރު އުޅެނީ ފައިސާއާހެދި ކަމަށެވެ.
މީގެ ދެމަހެއް ހާ ދުވަސް ކުރިން ސުޝްމިތާ އޭނާ އަށް ވުރެ އުމުރުން ޒުވާން މޮޑެލް، ރޮހްމަން ޝޯލް އާއި އޮތް ގުޅުން ނިމުމަކަށް ގެނެއައުމުން ފޭނުން ހީކުރީ އޭނާ ވަހަށް ދެން މީހަކާއި ރައްޓެހި ނުވާނެ ކަމަށެވެ.
މި ހުރިހާ ތުހުމަތު ތަކަށް ރައްދު ދެމުން ސުޝްމިތާ ބުނެފައި ވަނީ އޭނާ ލާރިއާހެދި ނޫޅޭ ކަމަށާއި މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާތީ ހިތުގައި ޖެހޭ ކަމަށެވެ. ނަމަވެސް އެފަދަ އަޑުތައް އެއްކަންފަތުން އަހައި އަނެއް ކަންފަތުން ބޭރު ކޮށްލަނީ ކަމަށް ވެސް ބުނެފައި ވެއެވެ.
ސުޝްމިތާ ވަނީ މި ދަނޑިވަޅުގައި އޭނާއަށް ސަޕޯޓްކޮށް ވާހަކަ ދައްކާ މީހުންނަށް ޝުކުރު އަދާކޮށްފަ ވެއެވެ. އަދި ޓްރޯލް ކުރާތީ ލަލިތު ވެސް ވަނީ ހިތްހަމަ ނުޖެހިގެން އެކަމާ ވާހަކަ ދައްކާފައެވެ.
މިހާތަނަށް ސުޝްމިތާ އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެޑޮޕްޓް ކޮށްގެން ދެ ކުދިން ގެންގުޅެއެވެ.