ދިވެހިރާއްޖެ ޑިމޮކްރަސީގައި ހޭދަ ކޮށްފައިވާ، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފާހަގަވެގެން ދިޔަ އެއް ކަމަކީ، ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުން ނިންމާފައިވާ ނިންމުންތަކެވެ. އެ ނިންމުންތަކުގައި ކުލަ ޖެހިގެންދިޔަ ގޮތާއި، ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރީން ވެރިކަމަށް އައިސްފައިވާ ގޮތެވެ.
މިގޮތުން 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީން ގެނެސްދިން ރިޔާސީ ނިޒާމުގައި، ވެރިކަމަށް އާދެވެން އަންނަނީ %50 އާއި އެއްވޯޓު އިތުރަށް ހޯއްދަވައިގެން ކަމަށް ވުމާއެކު، ވެރިކަމަށް އަންނަ ޕާޓީއަކަށް ރައްޔިތުންގެ ސާފު މެޖޯރިޓީ އޮތުން ގާނޫނު އަސާސީން މިވަނީ ލާޒިމް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ބަރުލަމާނީ ނިޒާމާއި ޚިލާފަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ރައްޔިތުންގެ އާދަޔާ ޚިލާފް ބޮޑު ތާއީދެއް އޮވެގެން މެނުވީ އެއްވެސް ވެރިއަކަށް ގައުމުގެ ވެރިކަމާ ހަމައަށް އާދެވޭނެ މަގެއް އަދި ފަހުވެފައެއް ނުވެއެވެ.
މިހަގީގަތް. 2008 ވަނަ އަހަރަށްފަހު ބޭއްވިގެންދިޔަ ހުރިހާ ރިޔާސީ އިންތިޚާބަކުންވެސް ފެންނާން އެބަ އޮތެވެ. އެންމެ ފުރަތަމަ ރައީސް މައުމޫންގެ ދިގު 30 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް އެއަހަރު ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގައި، އިންތިހާއަށް ޚިޔާލުތަފާތުވުން ބޮޑު ސިޔާސީ ހުރިހާ ފަރާތްތަކުން އެއްގަލަކަށް އެރީ ރައީސް މައުމޫނާ ދެކޮޅަށެވެ. އިންތިޚާބު ކާމިޔާބު ކުރީ އިދިކޮޅު ކޯލިޝަންއިންނެވެ.
އެއަށްފަހު ޖެހިގެން އައި 2013ގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާއި ދެކޮޅު ސިޔާސީ ފަރާތްތައް އެކުވެގެން ހެދި ކޯލިޝަންގެ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އޭރު ރައްޔިތުންގެ ތާއީދު އިންތިހާއަށް އޮތް އިދިކޮޅު އެމްޑީޕީ ބަލިކޮށްފައެވެ.
އެއަށްފަހު 5 އަހަރުގެ ދައުރެއް ފުރިހަމަކޮށް، ޖެހިގެން އައި، 2018ގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހުވެސް ނިކުންނެވީ ވެރިކަމުގައި ހުންނެވި ރައީސް ޔާމިންއާއި ދެކޮޅަށް، ސިޔާސީ އެހެން ހުރިހާ ޕާޓީތަކެއް އެއް އޮޑިޔަކަށް ލައްވައިގެން ވަރުގަދަ ކޯލިޝަނެއް ހައްދަވައިގެންނެވެ.
މުޅި ސަރުކާރު މުށުތެރެއަށް ލައްވައިގެން ވަރުގަދަ ވެރިކަމެއް ކުރައްވަމުން ވަޑައިގެންނެވި ރައީސް ޔާމިންގެ ސަރުކާރުގެ މައްޗަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކާމިޔާބު ހޯއްދެވީ، ތާރީޚު އިއާދަ ކުރައްވަމުން، ކޯލިޝަންގެ ވެރިކަމަށް މެނުވީ ރައްޔިތުންގެ މެޖޯރިތީ ތާއީދު ހޯދޭނެ މަގުތަކެއް އެހާތަނާއި ހަމައަށްވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނާން ނެތްކަން ސާބިތު ކޮށްދެވަމުންނެވެ.
ރިޔާސީ އިންތިޚާބަށް އެއް އަހަރު! އެއްވެސް ބަޔަކާއި ގުޅުމުގެ ޝައުގެއް ނެތް!
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް މިހާރު އޮތީ އަހަރެއްހާ ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސިޔާސީ ފޯމިއުލާ އެތުރިގެން ދާނޭ ގޮތުގެ މައްޗަށް ބަލާ، މި ފޯމިއުލާގެ ތެރެއިން ކޮންމެވެސް މިންވަރެއްގެ ޖާގައެއް ހޯދުމަށް، ބައެއް ކުދި ސިޔާސީ ޕާޓީތަކުން މިހާރުވެސް އަމިއްލައަށް ހިސާބު ޖަހައިގެން މަސައްކަތްތަކެއް ފަށާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މީގެތެރޭގައި ހިމެނޭ އެއް ޕާޓީއަކީ، ވިޔަފާރި ވެރިޔާ، ސަންޓްރަވެލް ސިޔާމު ހިންގަވާ އެމްޑީއޭއެވެ. އެތައް ދުވަހެއް ވަންދެން ސިޔާސީ ހަރަކާތެއް ނެތި އޮތުމަށްފަހު، މި ޕާޓީން ދާދިފަހުން ވަނީ ސިޔާސީ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ހިންގާން ފަށާފައެވެ. އަދި އެ ޕާޓީގެ ލީޑަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމަށް ބުނެ ސަން ސިޔާމުގެ ގާތް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓް ކުރައްވަންވެސް ފައްޓަވާފައެވެ. އެހެންނަމަވެސް، މުޅި ރާއްޖޭގައި މި ޕާޓީއަށް އޮތް ތާއީދާއި އަދި ސިޔާސީ ހަރަކާތްތައް ފެތުރިފައިވާ ގޮތަށް ބަލާއިރު، މި ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ އަމާޒަކީ ވެރިކަމަށް އައުން ނޫންކަމާއި، އެހެންނަވެސް، ހުރިހާވެސް އަމާޒަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފޯމިއުލާ އެތުރިގެން ދާއިރު، އެ ފޯމިއުލާއިން ކުޑަނަމަވެސް ޖާގައެއް ކަށަވަރު ކުރުންކަން މިއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެވެ.
ހަމަ އެފަަދައިން އާންމު ގޮތެއްގައި، ކޮންމެ ރިޔާސީ އިންތިޚާބެއް ގާތްވުމުން ހަރަކާތްތައް އިތުރު ކުރާގޮތަށް ހިންގަމުން އަންނަ ޖުމުހޫރީ ޕާޓީވެސް މިހާރު މަދުމަދުން ނަމަވެސް ދޭތެރެ ދޭތެރެއިން ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާން ފަށާފައި ވުމަކީ އެޕާޓީވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފޯމިއުލާގެ ތެރެއިން ޖާގައެއް ކަށަވަރު ކުރުމާމެދު ވިސްނުން ހިންގާ އެމަގަށް މަސައްކަތްތަކެއް ފަށާފައިވާކަން ރަމްޒު ކޮށްދޭ ކަމެކެވެ. ސަބަބަކީ މިއީ މިޕާޓީގެ މުޅި ތާރީޚުގައިވެސް ޕާޓިން ގެންގުޅެފައިވާ އުސޫލާއި ސިޔާސަތު ކަމަށް ވާތީއެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ގިނަ ޕާޓީތަކުން އެ ޕާޓީއެއްގެ ފެންވަރުން ހިސާބުތަކެއް ޖެހުމަށްފަހު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާއިރު، އިދިކޮޅު ޕީޕީއެމް ފާހަގަވާން އޮތީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް މާބޮޑު އަމާޒެއް އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ފެންނާން ނެތް ޕާޓީއެއްގެ ގޮތުގައެވެ.
މިގޮތުން ބަލާއިރު، ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައިވާ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތަކީ އިންޑިއާ އައުޓް ހަރަކާތަައް ވެގެން ގޮސްފައިވާއިރު، މިހަރަކާތުގެ ތެރެއިން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ހާސިލްކުރެވުނު މާބޮޑު ކާމިޔާބެއް ފެންނާން ނެތްކަމަށް މޭރުން ކުރެވޭ އެއްމެ ބޮޑު އެއް ސަބަބަކީ، މިހަރަކާތުގެ ބޭނުން ކޮށްގެންވެސް އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރާނޭ އެހެން އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ލީޑަރެއްވެސް ޕީޕީއެމްއަށް "އޮންބޯޑު" ކުރެވިފައި ނުވާ ނުވުމެވެ.
އަދި އެއާއި ޚިލާފަށް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއިން ބާއްވާފައިވާ ސިޔާސީ ޖަލްސާތަކާއި، އެއްވުންތަކުގައި އެ ޕާޓީގެ ލީޑަރު ރައީސް ޔާމިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، މިވާހަކަފުޅުންތަކުން ގިނަފަހަރަށް ސިފަކުރެވިގެން ގޮސްފައި އޮތީ ވެރިކަން ގެއްލި ދިއުމުގެ ޖަޒްބާތުތަކާއި، އެއް އިރެއްގައި އިދިކޮޅަށް މަސައްކަތް ކުރެއްވި ސިޔާސީ ފަރާތްތަކަށް އިންޒާރު ދެއްވުމާއި، ސިޔާސީ ގޮތުން އޮތް ދެކޮޅުވެރިކަމުގެ ޝުއޫރުތަކެވެ.
އިދިކޮޅުގައި 5 އަހަރުގެ ދައުރެއް ނިމިގެން ދާއިރު، އިދިކޮޅު ޕީޕީއެމްގެ ހުރިހާ ސިޔާސަތަކުންވެސް ފާޅުވެ ފެންނާން އޮތީ، ސިޔާސީގޮތުން އެއްވެސް ބަޔަކާއި ބައިއަތު ނުހިފުމުގެ ސިޔާސަތެވެ. ގިނިކަންޏާ ސިޔާސީ ހަރަކާތް ހިންގުމުގެ ސިޔާސަތެވެ. އެއްވެސް އެހެން ސިޔާސީ ޕާޓީއަކާއި "ސިޔާސީ ކޭކު" ހިއްސާ ނުކުރުމުގެ ސިޔާސަތެވެ.
ކޯލިޝަކަނަށް މެނުވީ ކާމިޔާބެއް ނުވާނެ!
ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް، އަދި ކޮންމެ ސިޔާސީ ލީޑަރަކަށްވެސް އެންމެ ރަގަޅުވާނީ ހުރިހާ ބާރެއް އެއް ޕާޓީއަކަށް، ނުވަތަ އެކެއްގެ އަތްމައްޗަށް އެރުންކަމީ އެކަމަކާ ބަހުސެއް އޮތް ކަމެއް ނޫނެވެ.
އަދި އެއީ ގައުމަށް އެންމެ ރަގަޅު ގޮތް، ނުވަތަ ސިޔާސަތު ކަމުގައި ވެން ނުދހިޔަނަމަވެސް، ފާއިތުވެދިޔަ 13 ވަރަކަށް އަހަރުގެ ތަޖުރިބާއަށް ބަލާ، މިއީ ރާއްޖޭގެ ސިޔާސީ ވެރީންނަށްވެސް އަދި ވެރިކަމަށް އަންނަ ސިޔާސީ ޕާޓީއަކަށްވެސް ބޮލުގެ ރިހުން އެންމެ ކުޑަވާނޭ ނަތީޖާކަމީ ދެބަސް ވެވެން ނެތް ހަގީގަތެވެ.
އެހެންނަމަވެސް ވެރިކަމަށް އަންނަން ބޭނުންވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތައް، މިއަދު ގައުމުން ފެންނާން ހުރި ހަގީގަތްތަކުގެ މައްޗަށް ބަރޯސާ ކޮށްގެން މެނުވީ ވެރިކަމަށް އާދެވެން ނެތްކަންވެސް ގަބޫލުކުރަން ޖެހެއެވެ. އެ ހަގީގަތަކީ ގައުމުގައި އޮތް ސިޔާސީ ބައިބައިވުންތަކެވެ. އާދަޔާ ޚިލާފަށް ބޮޑު ތާއީދެއް އޮތް އެއް ސިޔާސީ ލީޑަރަކު ނެތްކަމުގެ ހަގީގަތެވެ. އެތައް ސިޔާސީ ޕާޓީތަކެއް އެކުވެގެން މެނުވީ ހަދާ ކޯލިޝަންތަކަށް މެނުވީ ރައްޔިތުންގެ މެޖޯރިޓީ ތާއީދު ލިބިގެން ގޮސްފައި ނެތްކަމުގެ ހަގީގަތެވެ.
އެހެންކަމުން، އޮތް ތާއީދު ދައްކަމުން، މި ހަގީގަތާއި ދެކޮޅަށް ސިޔާސީ ލީޑަރުންނަށް ގަދަބަސް ވިދާޅުވުމުގައި ދެމި ތިއްބެވުނެއް ކަމަކަކު، ހިސާބުތަކުން މިދައްކާ އަދަދުތަކާއި، މާޒީގައި ކަން ހިގާފައިހުރި ގޮތާއި، އަމަލީ ގޮތުން ފެންނާން ހުރި ހަގީގަތްތަކާއި ދިމާ އިދިކޮޅަށް ދަތުރުކުރާ ސިޔާސީ ލީޑަރުންނަށް ފާއިތުވެދިޔަ ތަނުގައިވެސް ކުރިމަތި ލާންޖެހިފައި ހުރީ ނާކާމިޔާބީއާ ކަމުގައި މިފުރުސަތުގައި ދަންނަވާން ޖެހެއެވެ. އަދި އެބޭފުޅުންނަށް ސިޔާސީ ޕާޓީއެއް ހިންގުވުމުގައި ދެމި ތިއްބެވުނެއްކަމަކު، އޮޑީގައި ތިއްބަވާ އެތަކެއް ފަޅުވެރީންގެ އެންމެ ބޮޑު ހުވަފެން ކަމުގައިވާ، ވެރިކަމާހަމައަށް އައުމުގެ ހުވަފެން ދުވަހުކު ސީދާވެގެން ނުދިއުމަކީ އެންމެ ގާތްކަން ބޮޑު ގޮތެވެ.