ޕީ.ޕީ.އެމް ހަރަކާތު ޑިޕާޓުމަންޓުގެ ޗެއަރ މުޙައްމަދު އިސްމާއިލަކީ ދުވަހަކުވެސް ޤައުމުގެ މަސްލަހަތު ނަގާލާ ޓެރަރިޒަމަށް ހިތްވަރުދޭނެ މީހެއްނޫން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ހިންގާ އެކި ހަރަކާތްތަކާއި ގުޅިގެން މިހާތަނަށް އެންމެ ގިނައިން ފުލުހުންގެ ހައްޔަރަށް ދާންޖެހުނު މުހައްމަދު އިސްމާއިލް މިވަގުތުވެސް ހުންނެވީ ޔޯގާޑޭގެ ހަރަކާތާއި ގުޅިގެން ހިންގި ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީ.ޕީ.އެމް ހަރަކާތު ޑިޕާޓުމަންޓުގެ ޗެއަ މުޙައްމަދު އިސްމާއިލަކީ ދުވަހަކުވެސް ޤައުމުގެ މަސްލަހަތު ނަގާލާ ޓެރަރިޒަމަށް ހިތްވަރުދޭނެ މީހެއްނޫން ކަމަށެވެ.
އޭނާއަކީ މިހާތަނަށް ޖިނާއީ އަދި މަދަނީވެސް ކުށަކަށް އަރައިގަނެފައިވާނެ މީހެއްނޫން. އިންޑިޔާ ރުއްސައިގެން ލިބޭނެ ސިޔާސީ ހިތްހަމަ ޖެހުމަކަށް މިއަދު މުޙައްމަދު އިސްމާއިލަށާ އޭނަގެ މަޢުސޫމް އާއިލާއަށް ރައީސް ޞާލިހު ތިޔަދެއްވާ އަނިޔާ ދިވެހި މުޖުތަމަޢު ބަލައިނުގަނޭ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޞާލިހު ނެރުއްވައިގެން އުޅުއްވާ ރިޔާސީ ޤަރާރާއި އެކު މުޢައްސަސާތަކަށް ކުރައްވާ ޢަމުރުތަކާ އެޢަމުރުތަކާއިގުޅިގެން ތަންފީޒުކުރަމުންދާ ކަންކަމަކީ ކަޅާއި ހުދުން ލިޔެފައިވާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެޤާނޫނު އަސާސީގެ އަލީގައި ހެދިފައިހުރި ޤާނޫނުތަކާއި މުޅިން ޚިލާފަށް ކުރައްވަމުން ގެންދަވާ ޣައިރު ޤާނޫނީ ކަންކަންކަން ޚުދު ރައީސް ޞާލިހަށްވެސް ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ކޮށްފައިހުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައިހުރި ތުހުމަތުތަކެއްނޫންކަން މުއްދަތު މަޖިލިސްތަކުގެ ފަނޑިޔާރުންނަށްވެސް އެނގިވަޑައިގެން ތިއްބަވާ ސަރުކާރުން އެދޭހާގޮތަކަށް މުއްދަތު ޖައްސަވަމުން ގެންދެވުމަކީ އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ހަރުއަޑުން ގޮވާލަނީ ޤާނޫނީ އިމަށް ވަދެވަޑައިގެން ޤާނޫނީ ޚުދޫދުގެ ތެރެއިން މުޙައްމަދު އިސްމާއިލް އަދި މިމަޢުލޫގެ އެހެން ހައްޔަރިންނާ ދޭތެރޭ ޢަމަލުކުރައްވާ މިހާރުން މިހާރަށް ހައްޔަރުން ދޫކޮށްލެއްވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.