އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ އަލަމްގިރި އާއިއެކު އޭނާގެ ބައިވެރިންވެސް ހިފާ ހައްޔަރުކޮށް ހައްގު އަދަބު ދޭންޖެހޭކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.
އިއްޔެ ންދުރުފަހު 15:00 ކަންހާއިރު އަލަމްގިރި ހައްޔަރު ކޮށްފައި ވަނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓާ ކަމަށް މައުލޫމާތު ލިބެއެވެ. އަލަމްގިރި ހައްޔަރުކުރި ނަމަވެސް އޭނާ އާއި އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުލްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓުގައި މަސައްކަތް ކުރާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. އޭގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އަލަމްގިރިގެ ކޮޓަރީގައި ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ.
މިމައްސަލާގައި އަލަމްގިރި އެކަނި ހައްޔަރު ކުރުމުން ނުފުދޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ވިދާޅުވީ މިކަމުގައި އޭނާގެ ބައިވެރިންވެސް ހިފާ ހައްޔަރުކޮށް ހަރުކަށި އަދަބު ދޭންޖެހޭކަމަށެވެ.
އޭނާ އެކަނި ހައްޔަރު ކުރުމަކުން ނުފުދޭ. އޭނަގެ ބައިވެރިންވެސް ހިފާ ހައްޔަރުކޮށް ހަރުކަށި އަދަބު ދެވެން ޖެހޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ޝައިޚު އަލީ ޒައިދު ވިދާޅުވީ މިއަދު ފެނިގެންދަނީ އިސްލާމީ އުސޫލުތަކާއި، ޤާނޫނުތަކާއި ޚިލާފުވާ ނުފުޒު ގަދަ ބޭފުޅުންގެ އާއިލީ ބޭފުޅުންނާއިމެދު ޤާނޫނު އަރާ ހަމަނުކުރާތަން ކަމަށެވެ. އެމީހުންނާއި ހަމައިން ޤާނުނުގެ ދިގު އަތްވެސް ކުރުވާތަން ފެންނަ ކަމަށް ޒައިދު ވިދާޅުވިއެވެ.
މީނާ އެކަނި ހައްޔަރު ކުރުމަކުން ނުފުދޭ! މީނާއާއިއެކު ޖިންސީ ޢަމަލު ހިންގި ފަރާތްތައްވެސް ހައްޔަރު ކުރެވެން ޖެހޭ! ބައެއް ނުފޫޒުގަދަ ފަރާތްތަކާއި، ޖެހުނީމާ އެބުނާ ޤާނޫނުގެ ދިގު އަތް ކުރުވެއްޖެ! ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމަ ކަމާއިއެކު ހިންގެން ޖެހޭ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިތުރު ފިރިހެނަކާއި އަދި އަންހެނަކާއިއެކު ބަރަހަނާކޮށް އޮތް ފޮޓޯއެއް ވެސް ލީކް ވެފައި ވެއެވެ. އެފޮޓޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކް ވެފައެވެ. އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ވީޑިއޯތައް ލީކްވުމުގެ ކުރިން ޓިކްޓޮކްގައި މަޝްހޫރު ޝިފާ އިތުރު އަންހެނަކާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ލީކްވެފައި ވެއެވެ. ނަމަވެސް އޭނާ އާއި ދޭތެރޭ ވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ފުލުހުން މިއަދު އަލަމްގިރި ހައްޔަރުކޮށްފައި މިވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން ހައްޔަރުނުކޮށް ދޫކޮށްލާފައި ތިބޭތީ ގިނަބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނަނިކޮށެވެ. ނަމަވެސް އަދިވެސް އެއަމަލު ހިންގި އެހެން މީހުން ތިބީ ދޫކޮށްލާފައެވެ.