އިސްތިއުފާ ދެއްވާނޭކަން އިއުލާން ކުރައްވާފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ސްރީ ލަންކާ ދޫކޮށް، އެއަރޕޯޓުން ފުރައިގެން އުޅެނިކޮށް އޭނާ ހުއްޓުވައިފިކަމަށް، އޭއެފްޕީން ރިޕޯޓު ކޮށްފިއެވެ.
ގޮޓަބަޔަ ރާޖަޕަކްސައަށް ގައުމުން ފުރައިގެން ދިއުން މަނާ ކޮށްފައިވާއިރު، ގޮޓަބަޔަގެ ކޮއްކޮ، ސްރީ ލަންކާގެ ކުރީ ފިނޭންސް މިނިސްޓަރ ބަސިލް ރާކަސްވެސް މިއަދުގެ ވަގުތެއްގައި ގައުމު ދޫކޮށް ދާން އުޅެނިކޮށް އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އޭނާވެސް އެއަރޕޯޓުން ފުރައިގެން ދިޔަ ނުދީ ހިފަހައްޓާފައެވެ.
ބަސިލް ރާޖަޕަކްސަ އެއަރޕޯޓުން ފުރައިގެން ދާން މަސައްކަތް ކޮށްފައިވަނީ، ކޮލޮމްބޯގެ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އެހެންނަމަވެސް އޭނާ ފުރައިގެން ދާން އުޅޭކަން އާންމު ރައްޔިތުންނަށް އެގުމާއެކު، އެއަރޕޯޓުގެ މުވައްޒަފުންވަނީ އޭނާ ފުރައިގެން ދިޔަނުދީ ހިފައްޓާފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މާދަމާ އިސްތިއުފާ ދެއްވުމަށް ހަމަޖައްސާފައިވާ ގޮޓަބަޔަ މިއަދު ފުރައިގެން ދިއުމަށް މަސައްކަތް ކުރައްވާފައިވަނީ ދުބާއީއަށެވެ.
އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުގައި، ރައީސް ގޮޓަބަޔަ އެއަރޕޯޓުގެ ވީއައިޕީ އޭރިއާއަށް ވަޑައިގަތުމަށް އިމިގްރޭޝަންގެ އޮފިޝަލުންވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އާންމުން ގޮޓާބަޔަގެ ގަޔަށް ބޮލަށް އަރައިގެންފާނެ ކަމުގެ ބިރަށް، އާންމުންގެ ކިއުގައި ހުންނަވައިގެން އޭނާއަށް ވަނީ ފުރުއްވޭ ގޮތް ނުވެފައެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިމިގްރޭޝަންގެ އޮފިޝަލުން ގޮޓަބަޔަ ވީއައިޕީއޭރިއާއަށް ވަނުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ޔުނައިޓޭޑް އަރަބް އެމިރޭޓްސްއަށް ފުރައިގެން ދިޔަ 4 ފްލައިޓަކުން ގޮޓަބަޔައަށް ވަނީ ޖާގަ ލިބޭ ގޮތް ނުވެފައެވެ. އަދި ދުބާއީއަށް ފުރާވަޑައިގެންނެވޭ ގޮތް ނުވުމުގެ ސަބަބުން އަނބިކަބަލުންނާއެކީ އެބުރިވަނީ އެއަރޕޯޓުގެ ކައިރީގައި ހުރި މިލިޓަރީ ބޭސްއަކަށް ވަޑައިގެންފައެވެ.
ގޮޓަބަޔައަކީ އަދިވެސް ސްރީ ލަންކާގެ ރައީސް ކަމަށްވުމާއެކު، އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އަދިވެސް ސްރީ ލަންކާގައި ނެތެވެ. ގަބޫލުކުރެވޭ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން، ހަޔަރުން ސަލާމަތް ވުމަށްޓަކާ އޭނާ ބޭނުންފުޅުވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކޮށް ވަޑައިގެންނެވުމަށެވެ.
2009ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅައިން ވަކިވެގަތުމަށް ކުރަމުން އައި ހަނގުރާމަ ނިމުމަމަށް އައިއިރު، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާނިއްޔަތާއި ޚިލާފް އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ގޮޓަބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފައެވެ.
ފާއިތިވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިތުހުމަތުތަކާއި ކުރިމަތި ލުމަށް ގޮޓަބަޔަ ކޯޓުތަކަށް ހާޒިރު ކުރެވިފައެއް ނުވެއެެވެ.
ގޮޓަބަޔަ މަގާމުން އިސްތިއުފާ ދެއްވާނޭކަން ހާމަ ކޮށްފައިވަނީ، އޭނާގެ އިސްތިއުފާއަށް ގޮވާ، ސްރީ ލަންކާގެ ރައްޔިތުން މުޒާހިރާ ކުރަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަފަހުންނެވެ.