ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި

ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި

ގުޅުންހުރި

ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރަކަށް ޖާގަ ދިނުމުގެ ގޮތުން، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގހެގެ ކެބިނެޓް އިސްތިއުފާ ދީފިއެވެ.

ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފައި މިވަނީ، މި ހަފްތާގައި އެގައުމުގެ އެތައް ހާސް ރައްޔިތުން، ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން ހިސޯރު ކޮށްފައި ވަނިކޮށެވެ. ރައީސްއާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަންދެން، ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު މުޒާހިރާކުރާ ފަރާތަކުން ދޫކޮށް ނުލާނެކަމުގައި ވަނީ ބުނެފައެވެ.

ސްރީ ލަންކާގެ ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަނެ، އަދި ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު އަންދާލާ ހިނގި ހަމަނުޖެހުންތަކަށްފަހު، ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މި ހަފްތާގެ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އާ ސަރުކާރަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަށް ލުޔެއް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ދާއިރު، މިހާލަތު އިތުރަށް ގޯސްވެ، މުޅި ސްރީ ލަންކާގައި މިހާރުވަނީ ހަމަނުޖެހުން އުފެދި، ތަންތަން ލޫޓުވުމާއި، ހުޅު ޖެހުމާއި، ފޭރުންވެސް އާންމު ވެގެން ގޮސްފައެވެ.

ރައީސް ގޮޓަބަޔަގެ އިސްތިއުފާ އޭނާ އަމިއްލަފުޅަށް މިހާތަނަށް އައިއިރު އިއުލާން ކުރައްވާފައި ނުވިނަމަވެސް، ބޮޑުވަޒިރުގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނޭކަން ރައީސް ގޮޓަބަޔަ މިހާރުވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންހެއަށް އަންގަވާފައެވެ.

މިހަފްތާގެ ހޮނިހިރު ދުވަހު، ގޮޓަބަޔަގެ އިސްތިއުފާއަށް ގޮވާ ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ މަގުތަކުގައި އެތައްހާސް ބަޔަކު ވަނީ މުޒާހިރާ ކޮށްފައެވެ.

މިހަމަނުޖެހުންތަކަށްފަހު އާ ސަރުކާރަކަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވި ނަމަވެސް، މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ ސްރީ ލަންކާގައި މިހާރު އޮތް ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނޭ ކަމުގައެވެ.

"އަހަރެމެންގެ މުޒާހިރާތައް އަދި ހުއްޓުމަކަށް ނާދޭ،" މުޒާހިރާތަކުގައި ބައިވެރި ވަމުންދާ ކިޔަވާކުދިިންގެ އެންމެ އިސް ފަރާތް ކަމުގައިވާ ވީރަސަކެރައާއި ހަވާލާދީ އޭއެފްބީން ރިޕޯޓު ކޮށްފައި ވެއެވެ.

"ރައީސް ގޮޓަބޭ މަގާމު ދޫކޮށް ވަޑައިގަންނަވަންދެން މިހަރާކަތް ކުރިޔަށް ދޭނެ،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އަންގަވައިފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ. ބޮޓާބަޔަ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސަކަށް ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ހުންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއެވެ.

ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ