ޢީދު ބަންދުގައި ދެރަށަކުން ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރު އަތުލައިގަނެފި

ޢީދު ބަންދުގައި ދެރަށަކުން ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރު އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2022 01:46
0

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. މާފުށި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގއ. ވިލިނގިލީގައި ޖުލައި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީވެސް އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އެ އޮޕރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން، މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހު 7 ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.