ޔޯގާ ހަރަކާތާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށާއި، ނަމަވެސް އެކަމެއްނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނިކޮށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު ޝާހު ވިދާޅުވީ މުހައްމަދު އިސްމާއީލްގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ހެއްކެއް ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލުންގެ ވާހަތަކަށް ތާއީދު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ހެއްކެތްނެތި މުހައްމަދު އިސްމާއިލް ބަންދުކޮށްފައިވަނީ އިދިކޮޅުގެ އަޑު ކަނޑުވާލަންކަމަށެވެ. މިއީ ދެވޭ ބޮޑު އަނިޔާއެއްކަމަށާއި، ވަކި މީހަކު ހައްޔަރު ކުރުމަކުން އިދިކޮޅުގެ އަޑު ކަޑުވައެއް ނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ހަރަކާތްތަކުގެ ލީޑަރު ބަންދުގައި ބެހައްޓާނެ އެއްވެސް ހެއްކެތް ނުދެއްކޭއިރު މިހާ ގިނަ ދުވަހު ބަންދުގައި ބަހައްޓަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން! އެކަމެއް ނުކުރެވޭނެ! މުހައްމަދު އިސްމާއިލް ވަގުތުން ދޫކޮށްލަން ގޮވާލަން!
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ރޭ ބޭއްވި ޕްރެސްގައި ޝާހު ވިދާޅުވީ މުހައްމަދު އިސްމާއީލާ ދެކޮޅަށް ހުރި ހެކިތަކަކީ އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ސިނގިރެޓެއް ބޯން ހުއްޓައި ނަގާފައިވާ ފޮޓޯ އަކާއި އެވަގުތު މަގުމަތިން ދިޔަ ބަޔަކު މުހައްމަދު އިސްމާއީލަށް ގޮވައި ސަލާން ކުރުން ކަމަށެވެ. ނަމަވެސް އެއީ ކުށެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މުހައްމަދު އިސްމާއީލް ޓެރަރިޒަމްގެ އަމަލެއް ހިންގަން ކުރި އެއްވެސް ކަމެއް ފުލުހުންނަށް ކޯޓުގައި ބުނެދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްހަވެރި އެއްވުމެއް ޣައިރު ގާނޫނީ އެއްވުމަކަށް ބަދަލުކޮށްލުމަށް މުހައްމަދު އިސްމާއީލް ކުރި އެއްވެސް ކަމެއް ބުނެދެވިފައި ވެސް ނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެ ދުވަހުގެ އެއްވުން ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ މުހައްމަދު އިސްމާއީލް ކަމަށް ފުލުހުން ތުހުމަތު ކުރާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ވެސް ނުދެއްކޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ