ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދާ 4 މީހުންގެ ތެރެެއިން އެކަކު ވޯޑަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެެނާގެ ހާލުވެސް މަޑުމަޑު އަންނަނީ ރަނގަޅު ވަމުންނެވެ. ފަރުވާ ދެމުންދާ އަނެއް ތިން މީހުންނަށް އަދިވެސް ފަރުވާ ދެމުންދަނީ އަސީޔޫގައެވެ.
މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސެނިކޮށެވެ. މިހާދިސާގައި ފަރުވާދެމުން ދަނިކޮށް މާގިނަ އިރުތަކެއް ނުވަނީސް އަންހެނަކު ވަނީ ނިޔާވެފައެވެ. މިހާދިސާގައި ނިޔާވީ ގއ.މާމެންދޫ އުމުރުން 22 އަހަރުގެ މަރިޔަމް އަމާނީ ރަޝީދުއެވެ.
މި އެކްސިޑެންޓުގައި ކޮންޓްރޯލްނުވެގެން އެކްސިޑެންޓްވެފައި ވަނީ ޕްރައިވެޓް ކާރެކެވެ. އެ ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާކަމަށެވެ.