އެއް އިރެއްގައި މުއްސަދި އަދި ތަނަވަސް ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، އެގައުމުގެ ގިނަ ރައްޔިތުން ކެއްކުމާއި އެފަދަ އެހެން ބޭނުންތަކަށް ދަރު އުނދުން ބޭނުން ކުރަން ފަށައިފިއެވެ.
22 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ސްރީ ލަންކާގައި މިއަދު ގޭސް ލިބުން ވަނީ އިންތިހާއަށް ދަތި ވެފައެވެ. ނުވަތަ ކައްކާ ގޭހާއި ތެޔޮ ވެގެން ގޮސްފައިވަނީ އާދައިގެ އާންމު ރައްޔިތުންނަށް ގަނެވޭ ވަރަށްވުރެ އަގު ބޮޑު އެއްޗަކަށް ވެފައެވެ.
އައި ކަރަންޓުން ކެއްކޭ އުނދުން ބޭނުން ކުރަމުން އަންނަ ފަރާތްތައްވެސް، ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލަށް ފައިސާ ދައްކާނެ ފައިސާ ނުލިބުމުގެ ސަބަބުން، ގިނަ ވަގުތު ކަރަންޓު ކަނޑާލަން ޖެހުމުގެ ސަބަބުން ވަނީ ކެއްކުމަށް ކަރަންޓުގެ ބޭނުންވެސް ކުރެވޭ ގޮތް ނުވެފައެވެ.
"ދަރު ބޭނުން ކޮށްގެއް ކައްކަން ކެހުމަކީ ވަރަށް ބޮޑަށް ގެއްލުން ލިބޭ ކަމެއް. އެހެން ނަމަވެސް މިނޫން ގޮތެއް މިވަގުތު ނެތް،" ސަރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ކަރުނަވަތި އޭއެފްޕީއާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ. "ދަރު ހޯދުންވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފެ. އަދި ދަރުގެ އަގުވެސް ދަނީ އުފުލެމުން."
ސްރީ ލަންކާއަކީ މީގެކުރިން މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނެމުން އައި ގައުމެކެވެ. އަދި އެގައުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ހުރެފައިވަނީ ފިލިޕީންސާއި އެއް ހަމައެއްގައެވެ. މީގެކުރިން ސްރީ ލަންކާގެ ރައްޔިތުންގެ ދިރުއުޅުމުގެ ސްޓޭނޑާޑް ހުރެފައިވަނީ އަވައްޓެރި އިންޑިއާއަށް ވުރެ މަތީގައެވެ.
މި ހަފްތާގެ އަންގާރަ ދުވަހު ގާނޫނުހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވި ގޮތުގައި، އަދި އިތުރު މުއްދަތަކަށް، މިހާރު ކުރިމަތިވެފައިވާ ކާރިސާ ދިގު ދެމިގެން ދާނެއެވެ. "މި ދަތިތައް ބެލެވޭ ގޮތުގައި 2023ގައިވެސް އިހުސާސް ކުރަން ޖެހޭނެ."
ސްރީ ލަންކާގެ ރަސްމީ ނޫން ހިސާބުތައް ދައްކާ ގޮތުން، އެގައުމުގައި އިންފްލޭޝަން މިހާރު ހުރި މިންވަރަކީ ޒިމްބާބުވޭއާއި ޖެހިގެން ދެވަނައަށެވެ. އަދި ޔުނައިޓެޑް ނޭޝަންއިން އަންދާޒާ ކޮށްފައި ވާގޮތުގައި، ސްރީ ލަންކާގެ %80 މީހުން ދަނީ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ބައެއް އިރު ނުކައި ތިބެމުންނެވެ.