ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދާ 4 މީހުންގެ ތެރެއިން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ އިރުއޮއްސެނިކޮށެވެ. މިހާދިސާގައި ފަރުވާދެމުން ދަނިކޮށް މާގިނަ އިރުތަކެއް ނުވަނީ އަންހެނަކު ވަނީ ނިޔާވެފައެވެ. ިމިހާދިސާގައި ނިޔާވީ ގއ.މާމެންދޫ އުމުރުން 22 އަހަރުގެ މަރިޔަމް އަމާނީ ރަޝީދުއެވެ.
މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. އެތިން މީހުންގެ ހާލުވެސް ސީރިއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
މި އެކްސިޑެންޓުގައި ކޮންޓްރޯލްނުވެގެން އެކްސިޑެންޓްވެފައި ވަނީ ޕްރައިވެޓް ކާރެކެވެ. އެ ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އެކްސިޑެންޓުވި ރަތް ކުލައިގެ ކާރު މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލޭނުންނެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއް ވެސް އައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގައެވެ.
ކާރު ގޮސް ބަސް އޯވަޓޭކްކުރަން އުޅުނީ ކަމަށް ވާހަކަ ދެކެވުނަސް ވީޑިއޯ އިން އެނގޭ ގޮތުގައި ދެ ވެހިކަލް އައީ ދެކޮޅުންނެވެ. އެކްސިޑެންޓުވި ވަގުތު ވާރޭ ވެހެމުން ދިޔަ ނަމަވެސް އެ ވަގުތު ކަސްރަތަށް ބަޔަކު ދުވެފައި ވެސް ދެ އެވެ. އެ މީހުންގެ ގައިގައި ވެސް ކާރުން ނުޖެހި ސަލާމަތްވީ ކިރިޔާއެވެ.
🛑#ވީޑިއޯ | އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ.
⚡ތަފްސީލު: https://t.co/eGweeaJCKP pic.twitter.com/haKvOlXXFW
— Khabaru Online (@KhabaruOnline) July 4, 2022
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ