ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާން ފަށާނީ އަންގާރަދުވަހުން ފެށިގެންކަމަށް މޫސުމާ ބެހޭ ޤަޢުމީ ޢިދާރާއިން ބުނެފިއެވެ.
އެހެންނަމަވެސް މިހާރުު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއައް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ލަފާކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ 4 އަތޮޅަށް ކެރީގެ އަސަރުފޯރާނެކަމަށެވެ. އަދި ދެކުނަށް 7 މޭލާއި 16 މޭލާއި ދެމެދުގެ ވައިޖެހޭއިރު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ. މީގެއިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި 4 ފޫޓާއި 7 ފޫޓާއި ދެމެދު ރާޅުގެ އުސްމިން އުޅޭއިރު ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުރީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަކަށް އުދައެރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި މިދުވަސްކޮޅު ދިޔަވަރު ބޮޑުވަނީ މެންދުރުފަހު 2:30 އާއި 3:30 އާއި ދެމެދުގައެވެ.
ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން އެޢިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުތައް ނުރޭވުމަށް އިލްތިމާސްކުރައްވާފައެވެ.