ޤާނޫނު އަސާސީ އޮޅާލަން ދިވެހި ރައްޔިތުންގެ ފުރުސަތެއް ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.
ހަސަންގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާދު ވިދާޅުވީ އެއްގޮތުން ނުވެގެން އަނެއް ގޮތުން ޕްރިޝަރުކޮށްގެންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތަކީ ޤާނޫނީ އިމުން ބޭރުން ރައްޔިތުން ޖާގަ ދޭނެ ކަމެއް ނޫންކަމަށެވެ. ޤާނޫނު އަސާސީގެ ބޭރުން ރައްޔިތުންގެ ވޯޓެއްނެތި ނިޒާމު ބަދަލު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކުރާކަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް ނިހާދު ވިދާޅުވިއެވެ.
ކިތަންމެ ޕްރެޝަރެއް ކުރިޔަސް ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ބަރުލަމާނީ ގެންނަން އެއްބަސް ވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން! ޤާނޫން އަސާސީ އޮޅާލަން ފުރުސަތެއް ނުދޭނެ ރައްޔިތުންނެއް!
– ނިހާދު ވިދާޅުވިއެވެ.
ފާއިތުވެދުޔަ މަޖިލިސް އިންތިޚާބުގައި، އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަދައްކަވަމުން، ހަސަންވެސް ހިމެނިވަޑައިގަންނަވާގެން، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނަންތައް ވިދާޅުވެ، އެބޭފުޅުންނަކީ އެމަނިކްފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ހަނދާން ނައްތަވާލައްވާނޭ ބޭފުޅުން ނޫންކަމަށް ވިދާޅުވެ ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގެ ވީޑީއޯއެކު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ، ރައީސް ސާލިހާއެކު 2023ގެ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވަން އޭނާ ބޭނުންފުޅު ނުވަނީ ރައީސް ސާލިހަށް އެ އިންތިޚާބު އެމްޑީޕިއަށް ކާމިޔާބު ކޮށް ނުދެއްވޭނެކަމަށް އޭނާއަށް ފެނިވަޑައިގަންނަވާތީ ކަމުގައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނޭކަން ހަސަން ލަތީފް ހާމަ ކުރައްވާފައި ވާއިރު، އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެޕާޓީއަށް އެންމެ ރަގަޅު ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުންކަމުގައެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަދި ރާއްޖޭގެ ކަންކަން ކުރިއަށްދާ މިސްރާބަށް ބަލާއިރު ރައީސް ޞާލިހު ވާދަ ނުކުރެއްވުމަކީ ޕާޓީއަށް އެންމެ ފައިދާވާނެ ގޮތްކަމުގައެވެ.
އެހެންނަމަވެސް ރައީސް ސާލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުންވާނަމަ، ޗޮއިސްއެއްގެ ގޮތުގައި އެމަނިކްފާނު ހުންނެވި ކަމުގައެވެ.
ކޮމެންޓު ފޮނުވާ