ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، އުދަވެސް އަރާނެތީ، ހުރިހާ ފަރާތަތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް، އަދި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަދުގެ ރާޅުގެ އުސްމިން ވަނީ ފަސް ފޫޓާއި އަށް ފޫޓަށް އުފުލިފައެވެ. އިއްޔެ ރާޅުގެ އުސްމިން އުޅުނީ ހަތަރު ފޫޓާއި، ހަތް ފޫޓުގައެވެ.
Alert yellow for heavy rain and strong winds pic.twitter.com/hw2WuIK37M
— Maldives Meteorology (@MetMaldives) July 2, 2022
އިއްޔެވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް އުދައަރާ އެކިވަރުގެ ގެއްލުންތައްވެފަވާއިރު، މެޓުން މިއަދު ވެސް ލަފާކޮށްފަވަނީ ދިޔަވަރު ބޮޑުވާގަޑިތަކުގައި އެކި ހިސާބުތަކަށް އުދައަރާނެ ކަމަށެވެ. މެޓުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
މިގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑުތައް ގަދަވެ އުދަ ވެސް އަރާނެކަމަށް ލަފާކުރެވޭތީ، ޅ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓުވެސް ނެރެފަ އެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެ، އަށް ފޫޓަށް ރާޅު އުފުލި އުދަވެސް އަރާނެކަމަށް ލަފާކުރާއިރު، ރާއްޖޭގެ އެކި ރަށްތަކަށް އިއްޔެ ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފަ އެވެ.
މެޓުން ޖޫންއިން ފެށިގެން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، މިމަސްތަކުގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވެއެވެ.