މިނިވަން ނޫސްވެރިކަން މަރާލެވިގެން ނުވާނެ! މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރޭ!

މިނިވަން ނޫސްވެރިކަން މަރާލެވިގެން ނުވާނެ! މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރޭ!

ފުރިހަމަ، މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ޑިމޮކްރަސީގެ 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ"އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެގާނޫނު އަސާސީގެ 2 ވަނަ ބާނުގެ 28ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.

ރައީސް މައުމޫން 2008 ވަނަ އަހަރު އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބު (ދެވަނަ ބާބު)ގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

ނޫސްވެރިކަން ކުރުމާއި، މުއާޟަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާދީ، އެމާއްދާގެ ދަށުން ދުލާއި ގަލަމުގެ މިނިވަންކަމުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކުގެ މައިގަޑު އަސާސްތައް ބަޔާން ކޮށްފައިއެވަނީ، މި މުހިންމު އަސާސީ ހައްގުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބި ދީގެން މެނުވީ މިނިވަން ޑިމޮކްރަސީއަކަށް ދިރި ދެމި ނުއޮވެވޭނެކަން، ފެހި ގާނޫނު އަސާސީ ފަރުމާކޮށް، އެގާނޫނު އަސާސީއަށް ވޯޓުދީ، އެގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ކުރެއްވި ބޭފުޅުންނަށް ރަގަޅަށް އޭރުވެސް މޭރުން ކުރެވިގެންނެވެ.

އަދި ހަމަ އެފަދައިން، މިދެންނެވުނު ބީދައިިން، އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫއަސާސީން ލިބިދީފައި އޮތް އިސްވެ ދެންނެވުނު ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައި ވާކަން މިއަދު ފާހަގަ ކޮށްލަން ޖެހެއެވެ.

މިސާލެއްގެ ގޮތުން، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ރައީސް ޔާމިންގެ ވެރިކަމުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ.

2012 ވަނަ އަހަރު ހިގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި މީޑިއާތަކަށް އަމާޒުކޮށް ވަނީ އެތަކެއް ހަމަލާތަކެއް ދެވިފައި

އެންމެ އަސާސީ ހަމަތަކުން ބަޔާން ކުރާނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ހިފެހެއްޓޭނެ ހައްގެއް ނޫނެވެ. އެހައްގު ރައްކާތެރި ކުރުމުގެ ގޮތުން، ގާނޫނު އަސާސީން ލިބިދީފައިއޮތް، މަސްދަރު ރައްކާތެރިކުމުގެ ހައްގު އެއްވެސް ހާލަތެއްގައި، އެއްވެސް ބަޔަކަށް ނިގުޅައިގަތުމުގެ ފުރުސަތެއް ނެތެވެ.

 

މަސްދަރު ރައްކާތެރި ކުރުމުގެ މުހިންމުކަން!

މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުގެ ގޮތުގައި ސިފަކުރެވިފައި އޮންނަނީ، ސަރުކާރެއް ޒިންމާދާރު ކުރުމުގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާތަކުގެ ބޮޑުކަމުންނެވެ. އަދި ހަމަ އެފަދައިން، ސަރުކާރެއް ޒިންމާދާރުކޮށް، ވަކީން ޚާއްސަކޮށް، ސިޔާސީގޮތުން ނުފޫޒުގަދަ މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ އަމަލްތަކަށް ނޫސްވެރިންނަށް ފާރަަވެރި ވެވޭނޭ މިންވަރަށް ގިނަފަހަރަށް ފާރަވެރި ވެވޭނެ އެހެން މުވައްސަސާއެއް ނުވަތަ ފަރާތެއް ދައުލަތެއްގެ އޮނިގަޑުގެ ތެރޭގައި ނޯންނާތީވެސް މެއެވެ.

ސަބަބުތައް ވަރަށް ގިނައެވެ.

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި، އަދި އެބޭފުޅުން ރުހުންދީގެން އައްޔަންކުރާ މަގާމްތަކުގައި، ތިން ބާރުގައި ތިއްބަވާ ބޭފުޅުންނަކީ، އެއްބަޔަކު އަނެއްބަޔަކު ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތުން އުފުލަންޖެހޭ ފަރާތްތަކެވެ. މި މިމަސްއޫލިއްޔަތުގެ ތެރެއިން، ރާއްޖެ ފަދަ ޅަފަތުގެ ޑިމޮކްރަސީތަކުގައި، މަސްލަހަތުގެ ފުށުއެރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، ސިޔާސީ ޑީލްތައް ހަދައިގެން މަގާމްތަކަށް މީހުން އައްޔަންކުރުން ފަދަ އެތަކެއް ކަމެއް ހިގާ، މިފަދަ އެތަކެއް މައްސަލަތައް އޮންނަނީ ފެންމަތި ވެފައެވެ.

އެހެންނަމަވެސް، މިއާއި ޚިލާފަށް، ނޫސްތައް ހިންގާ ފަރާތްތަކަކީ ނުވަތަ ނޫސްވެރިންނަކީ، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް އަދާކުރުމުގައި، ދައުލަތުގެ ވަކި ފަށަލައަކުން، ނުވަތަ ވަކި ބާރަކުން ރުހުން ލިބުމުން ވަޒީފާއަދާކުރަން ނިކުންނަ ބައެއް ނޫނެވެ.

ހަމައެއާއެކު، ނޫސްވެރިންނަކީވެސް، ޒިންމާދާރު ވާންޖެހޭ، އަދި ޒިންމާދާރު ކުރުވެންޖެހޭ ބަޔަކަށް ވާތީ، ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ، ދުނިޔޭގައި އަމަލްކުރެވޭ ބެސްޓް ޕްރެކްޓިސްއަށް ބަލާނަމަ، އަދާ ކުރަން މިޖެހެނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިންނެވެ. ދިވެހި ރާއްޖޭގައި މި މެކޭނިޒްމްގެ ކޮންމެވެސް މިންވަރެއް މިހާރު އެކަށައެޅިފައޮތް މީޑިއާ ކައުންސިލްގެ ތެރެއިން ހާސިލްވަމުންދާ ކަމުގައި ދެންނެވިދާނެއެވެ. އެއީ، ދައުލަތުގެ ބާރުތަކުގެ މައްޗަށް އެކަނި އެ ޒިންމާ ދޫކޮށްނުލާ، ނޫސްވެރިން ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު ނޫސްވެރިން އަދާކޮށްގެން "އެކައުންޓެބިލިޓީ" ނޫސްވެރިކަމުގެ ތެރެއަށް ގެނައުމެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލަނީ: މީޑިއާ ކައުންސިލުން މީޑިއާ ޒިންމާދާރު ކުރުމުގެ މުހިންމަ މަސްއޫލިއްޔަތު އުފުލަން ޖެހޭ

މިއުސޫލުން ބަލާއިރު، ނޫސްވެރިކަމުގެ މިނިވަންކަން މި ދެންނެވުނު ބީދައިން ލިބިދީފައި އޮންނައިރު، ސަރުކާރާއި، ގައުމުގެ މުހިންމު، ބޮޑެތި ނިންމުންތައް ނިންމުމުގައި އިސްކޮށް ތިއްބަވާ، ސިޔާސީ ގޮތުން ނުފޫޒްގަދަ ފަރާތްތައް ޒިންމާދާރު ކުރުވުމުގައި ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައި އޮންނަ އެންމެ ވަރުގަދަ ހަތިޔާރަކީ "މަސްދަރު" ރައްކާތެރި ކުރުމުގެ ހައްގެވެ.

މާނައަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތް ސިއްރުކޮށްފައި ބޭއްވުމުގެ ހައްގު ވަނީ ނޫސްވެރިޔާއަށް މުތުލަގަށް ލިބިދީފައި އޮތުމެވެ. އަދި އެއީ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މައިގަޑު އަސާސް ވެސްމެއެވެ. ސަބަބަކީ، ސިޔާސީ ފަރާތްތަކުން ހަދާ "އަންޑަރ ގްރައުންޑް" ޑީލްތަކާއި، އަދި އަމިއްލަ މަސްލަހަތުގައި ނިންމާ ނިންމުންތަކުގެ އެންމެ ފުނަށް ދަތުރު ކުރުމުގައި، ނޫސްވެރިޔާއަށް، އަމަލީ ގޮތުން ކަންކަން ހޯދާބެލުމަށް އޮތް ހަމައެކަނި ފުރުސަތަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު ނުވަތަ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ހައްގު އޭނާއަށް ފުރިހަމަޔަށް ލިބިދީގެން ކަމުގައި ވާތީއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިގާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، މަރުގެ ހާދިސާތައްފަދަ، އެކަންކަމުގެ އެންމެ ފުނާހަމަޔަށް ދަތުރުކުރުމުގެ ފުރުސަތުނެތް ކިތަންމެ މައްސަލަތަކެއް ތިލަވެގެން އައިސްފައި އޮތީ، އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ތެރެއިންނެވެ. ހަމައެފަދައިން ރާއްޖޭގައި ހިގައިގެން ގޮސްފައިވާ އެމްއެމްޕީއާރުސީގެ ވައްކަމުގެ އެތައްކަމެއް ނޫސްވެރިންގެ ލިޔުންތަކުން ތިލަވެފައި އެބަހުއްޓެވެ.

ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމާއި ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައި ނެތްނަމަ، އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު އާންމުންގެ މެދުގައި ހާމަވެ، އޭނާއާއި އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާވާނޭކަން ސާފުކޮށް އެގެން އޮންނަ ހާލަތުގައި، މިފަދަ މުހިންމު، އަދި ސިޔާސީގޮތުން ނުފޫޒުގަދަ އެތައް ބައެއްގެ މަސްލަހަތާއި ގުޅުންހުރި، ސިއްރިޔާތުގައި ހިގައިގެން ގޮސްފައި ހުންނަ ކަންކަމަކީ ދުވަހަކުވެސް، އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން އަންނާނޭ ކަންތައްތަކެއް ކަމުގައި ވެގެން ނުދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

ގާނޫނު އަސާސީން މިނިވަން ނޫސްވެރިކަމުގެ އެންމެ މުހިންމު އަސާސެއްގެ ގޮތުގައި މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ލިބިދީފައި އޮންނަނީ މިސަބަބުތައް މިބީދައިން ހުރުމުގެ ސަބަބުންނެވެ.

އެހެންކަމުން، މި ސަބަބުތައް މިގޮތަށް ހުރެމެ، މިއަދު އެބައެއްގެ ސިޔާސީ މަސްލަހަތު ފުށު އަރަންފެށީމާ، ނުކުމެ އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރޭ ބުނެ، ގާނޫނު އަސާސީން މުތުލަގަށް ލިބި ދީފައި އޮތް މިހައްގު މުގުރާލަން މަސައްކަތް ކުރަން ފަށައިފިނަމަ، އެއީ ވަރަށްވެސް ބޮޑު، ހައްލު ހޯދަން ޖެހިފައި އޮތް، ބޮޑު މައްސަލައެއްކަމުގައި މެނޫނީ ނުވާނެކަން ކަށަވަރެވެ.

މިހާރު ނޫހުގައި ޝާއިރު ކުރި އާރޓިކަލްގެ މައްސަލަ ބެލުމަށް 241 ކޮމިޓީން ފާއިތުވެދިޔަ އަހަރު ވަނީ ނިންމާފަ

 

އެތައް ބައެއްގެ ކަންބޮޑު ވުމާއެކުވެސް، ހެއްކާބެހޭ ބިލް މަޖިލިހުން ފާސްކުރުން!

ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް އޮތް މާއްދާއާއި ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު ފާއިތުވެދިޔަ ހަފްތާގައި މިވަނީ މަޖިލީހުން ފާސްކޮށްފައެވެ.

މިބިލު އެންމެ ފަހުން މަޖިލިހުން ފާސްކޮށްފައިވަނީ، ފާއިތުވެދިޔަ އަހަރުވެސް، މަސްދަރު ހާމަކުރަން މަޖުބުރު ވާގޮތަށް މި ބިލް މަޖިލީހަށް ހުށަހަޅާ އެފަހަރުވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު، ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާ މުރާޖާ ކުރުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ.

ފާއިތުވެދިޔަ އަހަރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު، ނަޝީދު އެންމެ ފަހުން ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގޭގެ ސެއިއުރިޓީގެ ހާލަތާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބައެއް ބޭފުޅުންނާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައި އޮތް ލިޔުމަކަށްފަހު، އެލިޔުމަށް މައުލޫމާތު ދިން ފަރާތްތަކުގެ މައުލޫމާތު އެނޫހުން ހާމަ ނުކުރުމުން އެނޫހަށް ނަޝީދަށް ތާއީދުކުރާ ފަރާތްތަަކގެ ފާޑުކިޔުން ވަރަށް ބޮޑަ އަމާޒު ވެގެން ދިޔަކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިލިޔުމުގެ ނަތީޖާއެއްގެ ގޮތުން، ނަޝީދުގެ އިތުރުން އެމަނިކްފާނުގެ މުޅި އާއިލާގެ ސަލާމަތާއި ރައްކާތެރިކަން "ކޮމްޕްރޮމައިސް" ވެއްޖެ ކަމުގައި ބުނެ، ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން މި ލިޔުމުގެ މައްސަލަ ތަހުގީގު ކުރަންވެސް އޭރު ނިންމާފައެވެ.

އެފަހަރު މަސްދަރު ހާމަކުރުމަށް ހެއްކާބެހޭ ބިލްގައި ހިމެނުމަށްފަހު، ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު، އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް އޮތުމުން، ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެ ކަމުގައެވެ.

ސަރުކާރުގެ ފަރާތުން, މަސްދަރު ހާމަކުރަންޖެހޭ ގޮތަށް, ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ

އެހެންނަަމަވެސް ހަމަ އެމާއްދާ އެގޮތަށް ހިމަނައިގެން ފާއިތުވެދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން މިވަނީ މި ބިލް މަޖުލިހުގެ 50 މެމްބަރުންގެ ވޯޓާއެކީ ފާސް ކޮށްފައެވެ. މި މާއްދާ ހިމަނައިގެން މިބިލް ފާސްކުރުމަށްފަހު، ނަޝީދު ވިދާޅުވެފައިވަނީ، ދެން އޮންނާނޭ ހައްލަކީ އަލުން މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިގެން އަލުން މިމާއްދާ މުރާޖައާ ކުރުން ކަމުގައެވެ.

އެހެންނަމަވެސް ސާފުވާން އެއް ހަގީގަތަކީ، ސަރުކާރުން ބޭނުންވެގެން، މިމާއްދާ ހިމަނައިގެން މަޖިލީހުން މި ބިލް ފާސް ކޮށްފައިވަނީ ސަރުކާރަށް އެއްވެސް ކަމެއް "ވަންހަނާވެފައި" އޮވެގެން ނޫންކަމެވެ. އަދި ފަހުން މިމާއްދާ އިސްލާހު ކުރުމުގެ މަގުސަދުގައި ނޫންކަންވެސް މެއެވެ.

އަދި މިމާއްދާ ހިމަނައިގެން މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ، ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި، ނޫސްވެރިކަމުގެ ހިމާޔަތުގައި ވަކާލާތު ކުރަމުން އައި ފަރާތްތަކުން ވޯޓުދީ، ތާއީދު ކޮށްގެންވެސް މެއެވެ. ނޫސްވެރިންގެ ގޮތުގައި މެޑަލްޖަހަމުން،އައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އޭގެ އިތުރު އެތައް މެމްބަރުންނެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެހެންކަމުން، މި ހަގީގަތްތައް ގަބޫލުކޮށް، އެތައް ގޮންޖެހުމަކާއެކީ، އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަން "މަރުވެގެން ދިޔަނުދީ" އިތުރަށް ހިފެހެއްޓޭނީ ނޫސްވެރިން ވަރަށްވެސް ބޮޑު ގުރުބާނީއެއް ވެގެން ކަމުގައި ނޫސްވެރިންނާއި މިނިވަން ނުސްވެރިކަމަށް ލޯބިކުތާ ފަރާތްތަކުން މިއަދު މިވަނީ ގަބޫލުރަން ޖެހިފައެވެ. އެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ނޫސްވެރިން ދުލުން ބަސްބުނެ އިހުތިޖާޖުކޮށް، ސަރުކާރަށާއި، މަޖިލިހަށާއި، މަޖިލިސް ރިޔާސަތައް އެކަން މަޖުބޫރު ކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *