ބަންގްލަދޭޝް މީހަކު ބައެއް ދިވެހިންނާއި އެއް ޖިންސުން ގުޅުން ހިންގުމަށް ބޭނުންކުރަމުން އައި ކޮޓަރިއަށް އޭނާ ދިޔަކަމަށާއި، އެހެންނަމަވެސް އެ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށްބުނެ ތަކުރާރުކޮށް ގުޅައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދު ވިދާޅު ވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އޭނާގެ ފޮޓޯ ކަމުގައި ވިދާޅުވަމުން، ފޭސްބުކްގައި ޕޭޖުގައި ކުރެއްވި ޕޯސްޓުގައި ކާނަލް ނަޝީދު ވިދާޅުވެފައިވަނީ އޭނާ އެ ކޮޓަރިއަށް ގެންދިޔަ މީހުންގެ މަގުސަދަކަށްވީ އޭނާލައްވާ "އެ އަމަލު" ހިންގުން ކަމަށާޢި އެހެން ނަމަވެސް ބޭއަދަބީ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގައެވެ.
އެމީހުންގެ މަގުސަދަކަށް ވެފައި އޮތީ އަޅުގަޑު ލައްވާ އެއަމަލު ހިންގުން. އަޅުގަޑު އެކަމުން ބަރީއަވަން.
ކާނަލް ނަޝީދު ވިދާޅުވެފައި ވެއެވެ.
ކާނަލް އޭނާގެ ފޭސް ބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ފޮޓޯތައް ލީކު ކުރި ފަރާތްތަކުން ފޮޓޯ ލީކު ކޮށްލާނެ ކަމަށްބުނެ ބިރު ދެއްކި ކަމަށާއި، އަދި 2 ލައްކަ ޑޮލަރުވެސް ހޯދަން އުޅުނު ކަމަށެވެ. ކާނަލް ވިދާޅުވި ގޮތުގައި އެމީހުންނަށް އޭނާ އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށާއި، އޭގެ ބަދަލުގައި ފޮޓޯ ލީކު ކޮށްލިޔަސް ހެޔޮކަމަށް ވިދާޅުވެފައި ވާނެކަމަށެވެ.
އަޅުގަޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަ ކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެން ވާނީ މާތްﷲ.
ކާނަލްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މި ހަފްތާގައި ބަންގްލަދޭޝް މީހަކާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ މުހައްމަދު ނާޒިމްކަމަށް ބުނާ މީހަކު އެއްޖިންސުގެ ގުޅުން ހިންގާ ވޯޑިއޯއެއް އާންމު ވިފަހުން ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް ބައެއް ފަރާތްތަކާއި ބައެއް ނުސްވެރިންކަމަަށް ބެލެވޭ ބައެއް ފަރާތްތަކުގެ ބަރަހަނާ ފޮޓޯތަކާއި ވޯޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ލީކް ކުރަމުންނެވެ.
އަދި ފުލުހުން ދަނީ މި ވީޑިއޯތަކާއި ފޮޓޯތަކުގެ މައްސަލަ ތަހުގީގުވެސް ކުރަމުންނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ލީކުވަމުންދާ ފޮޓޯތަކަކީ ފުލުހުން ލީކު ކުރަމުންދާ ފޮޓޯތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި ނަޝީދު ވިދާޅުވެފައިވަނީ، ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި އެ ރިންގުން 43 މީހެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ