ދަރި ވެއްޓުން މަނާ ކުރުމާއި ގުޅިގެން އެމެރިކާގެ ސުޕްރިމް ކޯޓަށް ދުނިޔޭގެ ލީޑަރުންގެ ފާޑު ކިޔުން

ދަރި ވެއްޓުން މަނާ ކުރުމާއި ގުޅިގެން އެމެރިކާގެ ސުޕްރިމް ކޯޓަށް ދުނިޔޭގެ ލީޑަރުންގެ ފާޑު ކިޔުން

އެމެރިކާގައި، 1973 ގައި ދަރި ވެއްޓުމަކީ އަންހެނުންނަށް ލިބިގެންވާ ހައްގެއް ކަމުގައި ނިންމާފައިވާ ނިންމުން ބަދަލުކޮށް، ގާނޫނީ ގޮތުން އެގައުމުގައި ލިބިދީގައި އޮންނަ މި ހައްގު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ޔޫއެންގެ އިތުރުން އެމެރިކާއާއި ދުނިޔޭގެ ލީޑަރުންގެ ފާޑުކިއުން އެގައުމުގެ ސުޕްރިީމް ކޯޓަށް އަމާޒު ވެއްޖެއެވެ.

އެމެރިކާގެ ސުޕްރިމް ކޯޓުން މިހަފްތާގެ ހުކުރު ދުވަހު ނިންމި، ޚިޔާލު ތަފާތުވުން ބޮޑު މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ދެބައިކޮށްފަ އެއްބައިގެ ސްޓޭޓުގައި މިހާރުވަނީ ދަރި ވެއްޓުމަކީ (އެބޯޝަންއަކީ) މަނާ ކަމެއްގެ ގޮތުގައި ކަޑައަޅަން ޖެހިފައެވެ.

"އެމެރިކާގެ ސުޕްރީމް ކޯޓުގެ މި ނިންމުމަކީ "ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް،" އަދި މިއީ "އަންހެނުންގެ ހައްގުތަކަށް އުނިކަން އައިސް ޖިންސީ ހަމަހަމަ ކަމަށްވެސް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް،" ޔޫއެން ހިއުމަންރައިޓްސް ޗީފް މިޝެލް ބެޗެލެޓް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭސްގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގައި ދަރި ވެއްޓުން މަނާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިކަމަށް ބޭނުންވާ މީހުންގެ އަދަދު މަދުވެގެން ނުދާނެ ކަމަށާއި، އެހެންނަމަވެސް އޭގެ ބަދަލުގައި "މިކަން ދެން ވެގެން ދާނީ މާ ވޭންހުރި ކަމަށް" ކަމުގައެވެ.

"ޖިންސީ ކަންކަމާއި، އަދި ދަރިމައިވުމުގެ ސިއްޙަތަކީ ދިރި ހުރުމުގެ ބިންގަލުގެ ތެރޭގައި ހިމެނޭ ކަމެއް، އަދި އެއީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރި ކުރުވުމާއި ހަމަހަމަ ކަމާއި ގުޅުން ހުރިކަމެއް،" ޔޫއެންގެ ސެކެޓްރީ ޖެނެރަލްގެ ތަރުޖަމާން ސްޓެފަން ޑުޖަރިކް ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވެފައިވާ ގޮތުގައި، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި އޭނާ އެމެރިކާގެ ކިބައިން މިއަވުރެ ރަގަޅަށް ކަންކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

މީގެ އިތުރުން ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ވެރިންވެސް ވިދާޅުވެފައިވަނީ، އެމެރިކާގެ ސުޕްރިމް ކޯޓުގެ މި ނިންމުމަކީ އަންހެނުންގެ ހައްގުތަކަށް ކުރިމަތިވީ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައެވެ.

"ދަރި ވެއްޓުމަކީ އަންހެނުންނަށް ލިބިގެންވާ އަސާސީ ހައްގެއް. އެ ހައްގު ރައްކާތެރި ކުރެވެން ވާނެ،" ފްރާންސްގެ ރައީސް އެމަނޫލް މެކްރޯން ވިދާޅުވެފައި ވެއެވެ.

ޔުއެން ޕޮޕިއުލޭޝަން ފަންޑު UNFPAއިން ބުނެފައިވާ ގޮތުގައި، ދުނިޔޭގައި ބަލިވެ އިންނަ އަންހެނުންގެ ދެބައިކޮށްފަ އެއްބަޔަކީ ދަރިޔަކު ހޯދުމަށް ގަސްތުކޮށްގެން ބަލިވެ އިންނަ އަންހެނުން ނޫން ކަމުގައެވެ. އަދި މީގެ ތެރެއިން %60 އަކީ ވިހެއުމުގެ ކުރިން ދަރި ވައްޓާލާ މީހުންކަމުގައިވެސް ބުނެފައި ވެއެވެ.

މި ހަފްތާގެ ހުކުރު ދުވަހު އެމެރިކާގެ ސުޕްރިމް ކޯޓުންވަނީ، ފާއިތުވެދިޔަ 50 އަހަރު އެގައުމުގައި ދަރި ވެއްޓުމުގެ ހައްގު ގާނޫނުން ލިބިދީފަ އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. ސުޕްރިމް ކޯޓުގެ މި ނިންމުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ މިއީ އެމެރިކާއަށް ހިތާމަވެރި ދުވަހެއް ކަމުގައި ވިދާޅުވެފައެވެ.

މި ނިންމުން ކޯޓުން ނިންމާފައިވަނީ ފަނޑިޔާރުންގެ 6-3 ގެ ވޯޓުންނެވެ. މި ނިންމުމުގައި ދަރި ވެއްޓުން މަނާކުރުމަށް ތާއީދު ކޮށްފައިވަނީ ކޯޓުގައި ތިއްބެވި ކޮންޒަވޭޓިވް އުސޫލުތަކަށް ތާއީދުކުރާ ފަނޑިޔާރުންނެވެ. އެމެރިކާގެ ސުޕްރިމް ކޯޓުގައި ކޮންޒަރވޭޓިވް ވިސްނުމަށް މެޖޯރިޓީ ލިބިފައިވަނީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ކޯޓުގެ ބެންޗަށް އައި ބަދަލުތަކާ އެކުއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ މި ނިންމުމާއި ދެކޮޅަށް މިޙާރު އެގައުމުގައި ދަނީ މުޒާހިރާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *