އެމެރިކާގެ ކުޅިވަރު ވިޔަފާރީގެ މަޝްހޫރު ބްރޭންޑް ނައިކްއިން ރަޝިއާގައި ކުރަމުން އައި ހުރިހާ ވިޔަފާރިއެއް ހުއްޓާލުމަށް ނިންމައިފިއެވެ.
ނައިކު ކުންފުނިން އީމެއިލް މެދުވެރިކޮށް ރޮއިޓާސްއަށް ފޮނުވާފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ރަޝިއާގައި ކުރަމުންދާ ހުރިހާ ވިޔަފާރިއެއް ހުއްޓާލުމަށް ނިންމާފައި މިވަނީ، އެކުންފުނީގެ ވިޔަފާރިތައް ރަޝިއާގައި ސަސްޕެންޑް ކުރިތާ 3 މަސް ފަހުންކަމުގައެވެ.
"ނައިކްއިންވަނީ ރަޝިއާގެ މާރކެޓް ދޫކޮށްލުމަށް ނިންމާފަ. އަހަރެމެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކުރިޔަށް އޮތް މަސްތަކުގައި ވިފަރީ މަދުކުރަމުންދާއިރު، އަހަރެމެންގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" އީމެއިލް ސްޓޭޓްމަންޓުގައި ނައިކްއިން ބުނެފައި ވެއެވެ.
ރަޝިއާއިން ޔޫކުރެއިންގައި ފެށި ހަނގުރާމައާއި ގުޅިގެން، މާރޗްމަހުގެ 3 ވަނަ ދުވަހު ނައިކުއިން ވަނީ، ރަޝިއާގައި އެކުންފުނިން ހިންގަމުންފިޔަ ފިހާރަތަކާއި އަދި ރަޝިއާގައި ހުރި އެކުންފުނީގެ އަމިއްލަ ފިހާރަތައްވެސް ވަގުތީގޮތުން ހިންގުން ހުއްޓާލާނެކަން އިއުލާން ކޮށްފައެވެ. އަދި އޭރު އެކުންފުނިން ބުނެފައިވަނީ، ރަޝިއާގައި ހިނގަމުން ދާނީ އަމިއްލަ ޕާރޓްނަރުން ހިންގަމުންދާ ފިހާރަތައް އެކަނި ކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން ވަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ޔޫކުރެއިންއާއި އިންވެގެން އޮތް ބެލަރޫސްއިން ރަޝިއާއަށް އެހީތެރި ވެދީފައި ވާތީ، މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގައުމުތަކުން ބެލަރޫސްވެސް ހިމަނާފައި ވެއެވެ.
އަދި މީގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ ބޮޑެތި ކުންފުނިތަކުންވަނީ ރަޝިއާގައި ހިންގަމުން އައި ވިޔަފާރިތައް ހުއްޓާލާފައެވެ. މީގެތެރޭގައި ކާރު އުފައްދާ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓޮޔޯޓާއާއި މަޒްޑާ ހިމެނޭއިރު، މުޅި ދުނިޔޭގައި ފަރނީޗަރު ވިޔަފާރި ކުރާ އިކިއެއަރއާއި، އަދި މާސްޓަރ ކާޑާއި ވިސާރ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިވެސް ހިމެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު 4 އެކައުންޓިން ފާރމްގެ ތެރޭގައި ހިމެނޭ ދެ އެކައުންޓިންގ ފާރމް ކަމުގައިވާ ކޭޕީއެމްޖީއާއި ޕްރައިސްވޯޓަރހައުސްކޫޕަރސް އިންވެސް ވަނީ ރަޝިއާގައި މަސައްކަތް ކުރުން ހުއްޓާލާފައިވާއިރު، މަޝްހުރު ތެޔޮ ކުންފުނި ޝެލްއިން ވަނި ރަޝިއާގެ ކުރޫޑް އޮއިލް ގަތުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުންވެސް ވަނީ ރަޝިއާގައި ހިންގަމުން އައި އޮފީސްތައް ބަންދު ކޮށްފައެވެ.
One Response
ކޮއިފުޅާ ތިއަށް މީހުން ކިއަނީ ނައިކޭ