ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފި

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފި

Author
ހުސެއިން
22 ޖޫން 2022 07:25
0

މިހަފްތާގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަަމަނުޖެހުމާއި ގުޅިގެން ޕީޕިއެމްގެ އިވެންޓް ކޮމިޓީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފިއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމުގައިވާ އަލީ ނަސީމް (ތަނަކޭ)ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ގަލޮޅު ދަނޑުގައި ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ޔޯގާ ހައްދަވަން ތިއްބަވަނިކޮށް ދަޑުތެރެއަށް ވަދެގައް މީހުން ހިފަހައްޓައިގެން ތިބި ދިދަތަކާއި ޝިއާރުތައް ޕީޕީއެމް އޮފީހުން ނެރެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މި ހާދިސާ ހިނގި ދުވަހުވަނި ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައެވެ.

އަދި އެދުވަހު ފުލުހުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން، މުޒާހިރާކޮށް ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގަތް މީހުން ނޭނުންކޮށްފައިވާ ސާމާނު ނެރެފައިވަނީ ޕީޕީއެމްގެ އޮފީސްތެރެއިންނެވެ.

ގަޅޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައިވާ މީހުން އެދުވަހު ބޭނުން ކޮށްފައިވާކަމަށް ބެލެވެނީ، ރަސޫލާގެ ދިފާއުގައި ޕީޕިއެމްއިން ބޭއްވި ހަރަކާތުގައި ބޭނުންކޮށްފައިވާ ދިދަތަކެވެ. އަދި ދަނޑުތެރޭގައި މި ދިދަތައް ބޭނުން ކޮށްގެން މުޒާހިރާގެ ބައެއް ބައިވެރިން މީހުންނަށް ހަމަލާދޭ މަންޒަރުތައްވެސް ބައެއް ވީޑިއޯތަކުން ފެންނާން ހުރެއެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން ދާކަމަށެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބޭއްވި ދުވަހުގެ ހެނދުނު 06:30ގައި ފެށިއިރުވެސް އެ ހަރަކާތައި ދެކޮޅަށް ބަޔަކު ދިޔައީ ދަނޑު ބޭރުގައި އަޑު އުފުލަމުންނެވެ. އަދި ފުލުހުންވެސް އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގޮސްފައިވެއެވެ. ނަމަވެސް ފުލުހުންގެ ބެރިކޭޑުތަކާއި ސަފުތައް ފޫއަޅުވާލާ ދަނޑަށް މުޒާހިރާކުރަމުން ދިޔަމީހުން ވަދެގަނެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެއެވެ.

ފުލުހުންވަނީ މި ހަމަނުޖެހުމާއި ގުޅިގެން އިތުރު 6 މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ވަނީ މިމީހުންގެ ފޮޓޯއާއިއެކު މައުލޫމާތުތައް އާންމުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ވަނީ 60 ދުވަސް ކޯޓުން ދީފައެވެ. އަދި ދެމީހެއްގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ. އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.