މިވެހި ދައުލަތުގެ ހާލަތު މިހާރު އޮތީ ލައިގެން ކާނެ އެއްޗެއްވެސް ނެތް ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެއޮފީހުން ވިދާޅުވެ ވިދާޅުވުމާއި ގުޅިގެންނެވެ.
އިންތިޤާލީ އިންސާފު އޮފީހަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި އޮފީހެކެވެ.
މިހާތަނަށް މި އޮފީހަށް މާބޮޑު ނަތީޖާތަކެއް ނެރެވިފައިނުވެއެވެ. ބަލަމުންދާ ގިނަ މައްސަލަތަކުގެ މާބޮޑު ތަފްސީލެއްވެސް މިހާތަނަށް ހާމަ ކުރެވިފައި ނުވެއެވެ. މެމްބަރު ތޯރިގު ވިދާޅުވީ އިޤްތިޞާދީ މިހާލަތުގައި ސަރުކާރުން އަމަލު ކުރަންވީ ގޮތަކީ މިފަދަ އޮފީސްތައް އުވާލައި ޚަރަދު ކުޑަކުރުންކަމަށެވެ.
ރައީސް ސޯލިހަށް. އަމީންދީދީ އަވަހާރަވި މައްސަލަ ބަލާ އޮފީސް އުވާލައްވާށެވެ. ދައުލަތް ހިންގުމުގެ އޮނިގަޑު 19 މިނިސްޓްރީން 13 ވަރަކަށް މިނިސްޓްރީއަށް ކުޑަކުރައްވާށެވެ. ޤައުމުގެ އިޤްތިސާދީ ހާލަތު ޤަބޫލުކުރައްވާށެވެ. ދައުލަތް މިއޮތީ ލައިގެން ކާނެ އެއްޗެއްނެތް ހާލަތުގައެވެ.
– ޓޮމް ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، އިތުރު މަޤާމުތައް އުފައްދަވަމުންދާތީ ގިނަ ބައެއްގެ ފަޑުކިޔުން ވަނީ އަމާޒުވެފައެވެ. އާސަންދައިގެ ބަޖެޓް ހުސްވެ، އެނޫންވެސް އަސާސީ ކަންކަމަށް ހޭދަކުރަންހުރި ފައިސާތައް އިންތިހާއަށް މަދުވެ ދަރަނި 100 ބިލިޔަނަށް އަރާފައިވަކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ