ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ހާސިލް ކޮށްދެއްވުމުގައި މަސައްކަތުގެ ކޮލެޓީއާއިއެކު ވަގުތުން ވަގުތަށް މަސައްކަތް ނިންމުގައި އެމްޓީސީސީން ދަނީ ނަމޫނާ ދައްކަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ރަށްވެހިންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އެމްޓީސީސީގެ މުވައްޒިފުންނާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުންނަށް. ޚާއްޞަކޮށް، ސީ.އީ.އޯ. އާދަމް ޢާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ، މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭގޮތަށް ދެވޭ ޚިދުމަތަކަށް އެމް.ޓީ.ސީ.ސީ ބަދަލުކޮށްފައިވަނީ. "ޓީމް އެމް.ޓީ.ސީ.ސީ." އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމް.ޓީ.ސީ.ސީ.އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއްއްކަމަށެވެ. ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމައި، އޭގެ ކޮލިޓީއާ އެކީގައި ރައްޔިތުން ބޭނުންވާގޮތަށް އަދި ސަރުކާރުން ބޭނުންވާ ދުވަހަށް، އެ މަސައްކަތް ނިންމަމުން ދަނީ، ޙަޤީޤަތުގައިވެސް އެމް.ޓީ.ސީ.ސީ.އަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏަކަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
އާދަމް ޢާޒިމް އެމް.ޓީ.ސީ.ސީ.އާ ހަވާލުވިއިރުގައި އެތަނުގައި ތިބީ 1400 މުވައްޒަފުން. އެކަށީގެންވާ ޕްރޮޖެކްޓްތަކެއް ނުހިނގާ. އެކަމަކު މިއަދު އެމް.ޓީ.ސީ.ސީ.ގައި ރާއްޖޭގައި މިހާރު މިހިނގާ 300 އަށްވުރެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާއިރު، އޭގެ ބޮޑުބައި އެމް.ޓީ.ސީ.ސީ.އިން ހިންގަމުންދާއިރުގައި 3700 އަށްވުރެ ގިނަ މުވައްޒަފުން އެމް.ޓީ.ސީ.ސީ.ގައި މިއަދު އެބަ މަސައްކަތް ކުރޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުންވިއްޔާ، މި އަހަރު ނިމޭއިރުގައި، ހަތަރުހާހަށްވުރެ ގިނަ މުވައްޒަފުން، އެމް.ޓީ.ސީ.ސީ.ގައި އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާނެ. މިއީވެސް ރާއްޖެއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން.
– ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފޭސް ދޭއް ތަރައްގީ ކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރި ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބީޗް ހިތްފަސޭހަކަމާ އެކީގައި ބޭނުން ކުރެވޭނެ ގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެމްޓީސީސީ އިން މިހާރު އެތަން ތައްޔާރު ކުރުމުގައި ޕްލޭނެއް އެކުލަވައިލައި އަގުތައް ހޯދައި އަމަލީ ގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ