ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް ކުއްލި ހާލަތު އިއުލާން ކޮށްފި

ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް ކުއްލި ހާލަތު އިއުލާން ކޮށްފި

Author
އަހުމަދު
25 ޖޫން 2026 07:54
0

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް، ސިކުންތުކޮޅެއްގެ ތެރޭގައި އައި ބާރުގަދަ ދެ ބިންހެލުމަކާ ގުޅިގެން އެ ގައުމުގެ އެކްޓިންގ ރައީސް ޑެލްސީ ރޮޑްރިގޭޒް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފިއެވެ. ފުރަތަމަ ބިންހެލުމުގެ ބާރުމިން 7.2 ގައި ހުރިއިރު ދެވަނަ ބިންހެލުމުގެ ބާރުމިން ހުރީ 7.5 ގައެވެ.

މި ބިންހެލުންތަކުގެ ސަބަބުން ވެއްޓިފައިވާ އުސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ބިންހެލުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ވެނެޒުއޭލާގެ މައި އިންޓަނޭޝަނަލް އެއަރޕޯޓު ވަނީ ބަންދުކޮށްފައެވެ.

މި ހާދިސާގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެކަމަށް ބެލެވޭއިރު، އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާގޮތުގައި މަރުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް ދިއުމުގެ 44 އިންސައްތަ ފުރުސަތު އެބައޮތެވެ.

ބިންހެލުން އައިސްފައިވަނީ ވެނެޒުއޭލާގެ ގައުމީ ބަންދު ދުވަހެއް ފާހަގަކުރަމުން ދިޔަ ވަގުތެއްގައެވެ. އެހެންކަމުން ގިނަ މީހުން އެވަގުތު ތިބޭނީ ގޭގައެވެ. މި ބިންހެލުންތައް އައިސްފައިވަނީ އެ ގައުމުގެ ގަޑިން 18:04 (ބީއެސްޓީން 23:04) ގައެވެ.

މި ބިންހެލުންތައް އައިސްފައިވަނީ ކަރާކަސްގެ ހުޅަނގުން އޮންނަ ސަރަހައްދަކަށެވެ. އަދި މި ބިންހެލުންތަކުގެ އަސަރު މުޅި ގައުމަށް، އަދި ކޮލަމްބިއާގެ ބޮގޯޓާއާ ހަމައަށްވެސް ވަނީ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.