ފީފާ ވޯލްޑް ކަޕް 2026 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-0 އިން ދެކުނު ކޮރެއާ ބަލިކޮށް، ދެކުނު އެފްރިކާ އިން މުބާރާތުގެ ނޮކައުޓް ބުރުން ތާރީޚީ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ތަޕޭލޯ މަސޭކޯ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު، އޭޝިއާގެ ގަދަބާރު ކަމަށްވާ ދެކުނު ކޮރެއާ ފަހަތަށް ޖައްސާލުމަށްފަހު އެފްރިކާ ޓީމުން ވަނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދަތުރުކޮށްފައެވެ. މިއީ 2010 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕަށްފަހު އެ ޓީމުން މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.
މި ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު މުބާރާތް ހޯސްޓްކުރާ އެއް ގައުމު ކަމަށްވާ މެކްސިކޯއެވެ. ފަހު މެޗުގައި ޗެކިއާ އަތުން 3-0 އިން މެކްސިކޯ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ޗާވޭސް، ހޫލިއަން ކުއިނޯނެސް އަދި އަލްވަރޯ ފިޑަލްގޯއެވެ. މި މެޗުގައި މެކްސިކޯގެ ތަޖުރިބާކާރު ކީޕަރު ގުއިލާމޯ އޮޗޮއާ ކުޅެން އެރިއިރު، އުމުރުން 40 އަހަރުގެ އޮޗޮއާ އަކީ ތާރީޚުގައިވެސް ހަ ވޯލްޑް ކަޕެއްގެ ސްކޮޑުގައި ހިމެނުނު މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
ގުރޫޕުގެ ނަތީޖާތަކަށް ބަލާއިރު، ދެވަނައަށް ދިޔަ ދެކުނު އެފްރިކާއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮތް ދެކުނު ކޮރެއާއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލަށް ދިޔަ ޗެކިއާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ނޮކައުޓް ބުރުގައި ދެކުނު އެފްރިކާ ނުކުންނަން ޖެހޭނީ ގުރޫޕް ބީގެ ދެވަނަ ހޯދި ކެނެޑާއާ ދެކޮޅަށެވެ. ކެނެޑާއަކީވެސް މިއަހަރު އަލަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ޓީމެކެވެ. މެޗުން ބަލިވި ދެކުނު ކޮރެއާއަށް ދެން ޖެހޭނީ ނޮކައުޓް ބުރުގެ ޖާގައެއް ހޯދުމަށްޓަކައި އެހެން ގުރޫޕުތަކުން ތިންވަނައަށް ދާ ޓީމުތަކުގެ ނަތީޖާތަކަށް އިންތިޒާރު ކުރާށެވެ.
ކޮމެންޓު ފޮނުވާ