ޖުލައި 26 ގެ ކުރިން ބޮޑުތަކުރުފާނު މަގު ނިންމަން، ބުދަ ދުވަހު ތާރު އަޅަން ފަށަނީ

ޖުލައި 26 ގެ ކުރިން ބޮޑުތަކުރުފާނު މަގު ނިންމަން، ބުދަ ދުވަހު ތާރު އަޅަން ފަށަނީ

Author
އަހުމަދު
25 ޖޫން 2026 10:24
0

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އަންނަ ހަފުތާގެ ބުދަ ދުވަހު އެ މަގުގައި ތާރު އަޅަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތާރު އަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށެވެ. އަދި އެ ބައިގެ މަސައްކަތް އެއްކޮށް ނިމުމުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ބައިގައި ތާރު އަޅަން ފަށާނެއެވެ. މި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދުކުރާނެއެވެ. ނަމަވެސް މަގު ބަންދުކުރި ކަމުގައިވިޔަސް އެ ޒޯނުގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ފަޅުން ބައެއް ހިއްކައިގެން ފުޅާކުރަން ފެށި މި މަގުގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގެ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ އިތުރުން ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ސެގްމެންޓް 2 އަދި 3 ގެ މަސައްކަތެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އާންމުންނަށް މަގު ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.