ރާއްޖޭގެ މާލީ ކަންކަން ސަރުކާރުން ބަލަހައްޓަވަމުންދާ ގޮތުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކާއިއެކުވެސް ރާއްޖެއަށް އިޢްތިޞާދީ ގޮތުން ކުރަމުންދާ އަސަރު އިންތިހާއަށް ކުޑަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ މާލި ގޮންޖެހުންތަކާއިއެކުވެސް ދައުލަތް ހިންގުމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭންޖެހޭކަމަށެވެ. ދައުލަތް ހިންގޭނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، ލޯނުވެސް ނަގައިގެން ކަމަށްވާއިރު އެފުރުސަތު ސަރުކާރަށް ފަހިވާންޖެހޭކަމަށެވެ.
ސަލީމް ވިދާޅުވީ މިއަދު ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުންތަކާއިއެކު، ތަކެތީގެ އަގަށާއި، ތެލުގެ އަގަށް ބޮޑު ބަދަލެއް އަންނަމުންދާކަމަށެވެ. ނަމަވެސް މިކަމުގެ އިހްސާސް ދިވެހި ރައްޔިތުންނަށް ނުކުރާހާ ރަނގަޅަށް ސަރުކާރުން ކަންކަން މެނޭޖް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.
ތަކެތީގެ އަގުބޮޑުވެގެން އަޅުގަނޑުމެން އަބަދުވެސް މިސަލު ނަގާ އިނގިރޭސި ވިލާތާއި، އެމެރިކާ ތަންތާގަ ކޮންފަދަ ހާލެއްގަތޯ ކަންކަން ދަނީ. އަޅުގަނޑުމެންގެ އިންފްލޭޝަންވެސް އޮންނާނެ. އެއްވެސް ޝައްލެއްނެތް މުޅި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި އަޅުގަނޑުމެންނަށްވެސް އޭގެ ތަހައްމަލް ކުރަންޖެހޭ ކަންކަން ހުންނާނެ. އެހެން ނަމަވެސް ތެލުގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ ކާބޯތަކެތީގެ އަގުބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ އަގުބޮޑުވޭ އެއްވެސް ޝައްކެއްނެތް އަގު ބޮޑުވޭ. އެހެން ނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުން ތެރިކަމާއި، ދެފުއްފެންނަ ސިޔާސަތުގެ ތެރެއިން މިކަންކަން ރަނގަޅުވެގެން ދަނީ.
– ސަލީމް ވިދާޅުވި.
މަޒީގައި ކަންކަން ހިނގައިދިޔަ ގޮތަށް މިސާލު ނަންގަވަމުން ސަލީމް ވިދާޅުވީ 2008 ވަނަ އަހަރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އޭރުގެ އެންމެ ބޮޑު ހަތިޖާރަކަށް ހެދީ މާލީ ހުރިހާ ބާރެއް މަޖިލީހަށް ނަގައި ސަރުކާރަށް ހިންދެމިލާނެ ވަގުތުވެސް ނުދިނުންކަމަށެވެ. ސަރުކާރުު ހިންގުމަށް ކޮންމެހެން ނަގަންޖެހޭ ލޯނުތަކާއި، ބޭރުގެ މާލީ އިދަރާތަކައިއެކު ކުރެވޭ ހުރިހާ މުއާމާލާތެއް މަޖިލީހުން ހުއްޓުވުމަކީ ވެރިކަން ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ރައްޔިތުންނަށް ބޭނުންވާ ފައިސާތައް ހޯދުމުގައި ސަރުކާރަށް އޮންނަންޖެހޭނެ. އެހެން ނަމަވެސް އެވެރިކަން ވައްޓާލުމުގައި ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެބާރު ރައްޔިތުންގެ މަޖިލީހަށް ނެގުން. މިހަގީގަތް ބަދަލެއް ނުކުރެވޭނެ. އެގޮތަށް ހިލާވިޔަކަ އަޅުގަނޑުމެން ނުދޭނަން. މިސަރުކާރު ހިނގަންޖެހޭ. ހިންގުމަށް ފަސޭހަވެސް ކޮށްދޭންޖެހޭނެ. މިގޮތަށް ނުސީދާ ގޮތުން ކުރާ ދުއްތުރާތައް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭލާ ބަލައިގެން.
– ސަލީމް ވިދާޅުވިއެވެ.
މިސަރުކާރުން ފާއިތުވެދިޔަ ދުވަސްތަކުގައި މާލިއްޔަތު ޤާނޫނަށް ފަސް ފަހަރެއްގެ މަތީން ވަނީ އިސްލާހު ގެނެސްފައެވެ. މިފަސްފަހަރުގެވެސް ގެނައި އިސްލާހުތަކަކީ، މާލީ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަސޭހައިން ކޮށްދެވޭނެ ނިޒާމެއް އެކުލަވާލައި، ޚަރަދުތައް ދެފުށް ފެންނަ ގޮތެއްގައި ކުރެވޭނެ ގޮތެއް ކަނޑައެޅުންކަމަށް ސަލީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ