ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ފަށަން ހަމަޖެހިފައިވާ ދަތުރުތައް ޑެލްޓާ އެއާލައިންސްއިން ފަސްކޮށްފިއެވެ.
ރިޔާޟާއި އެޓްލަންޓާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ޑެލްޓާއިން ކުރިން ރާވާފައިވަނީ މި މަހުގެ 23 ގައެވެ. ނަމަވެސް އެ ދަތުރުތައް މިހާރު ފަށާނީ އަންނަ އަހަރުގެ މާޗު މަހުގައެވެ. ފަސިންޖަރުންގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި މި ނިންމުން ނިންމި ކަމަށް އެއާލައިނުން ބުނެއެވެ.
އެއާޕޯޓަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެފައިވެއެވެ. މިދިޔަ ހޮނިހިރުގެ ރޭ ދިން އެންމެ ފަހުގެ ހަމަލާގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މިއީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސައުދީއަށް ދެވުނު އެންމެ ގިނަ ފުރާނަ ގެއްލުނު ހަމަލާއެވެ.
މި ހަމަލާތައް ދިނީ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ، އީރާނުގެ މަދަދު ލިބޭ ހޫތީން ކަމަށް ސައުދީން ތުހުމަތުކުރެއެވެ. ހަމަލާތައް ދެވިފައިވަނީ ހޫތީންނާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުގެ ފައުޖުތަކާ ދެމެދު ހަނގުރާމަ ވަރުގަދަވެފައިވާ ވަގުތެއްގައެވެ. ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސައުދީ އިސްވެ ހުންނަ އިއްތިހާދުން ހޫތީންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދެއެވެ.
ކޮމެންޓު ފޮނުވާ