ނިމިދިޔަ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކި ކުރި 19 މައްސަލައެއްގައި، ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި އެފަރާތްތަކަށް 6 މިލިޔަން ރުފިޔާ ދީފައިވާކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ދައުލަތުން ބަދަލު ދިނުމުގައި ޢަމަލު ކުރަމުންދާ އުސޫލުތައް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބް ވިދާޅުވީ މަސަރުކާރުން ވެރިކަމާއި ހަވާކުވިފަހުން ހުށަހެޅުނު ގެއްލުމުގެ ބަދަލުތަކުގެ މައްސަލަތަކުގައި އިންސާފުވެރިކަމާއިއެކު މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން އެމައްސަލަތައް ނިންމެވުމަށް އިރުޝާދު ދެއްވިކަމަށެވެ.
ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށަހަޅިކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. މިޝަކުވާތައް ހުށަހަޅާފައިވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސެޓެލްމަންޓް ކޮމެޓީއަށެވެ. ކޮމެޓީއަށް 37 މައްސަލައެއް ހުށަހެޅުނު ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އޭގެ ތެރެއިން ކޮމެޓީން ބަދަލު ދޭން ނިންމި ހަމައެކަނި މައްސަލައަކީ ނޫމަޑި މައްސަލަކަމަށް ރިއްފަތު ފާހަގަ ކުރެއްވިއެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތަކެވެ. ކުރީ ސަރުކާރުން އެކި ވަޒީފާރަތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 6.8 މިލިޔަން ރުފިޔާގެ ބަދަލެއް ދީފައެވެ.
ކުރީ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ބަދަލުދީފައިވާ މައްސަލަތައް:
– ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ރައީސް އައްޔަންކުރެއްވި 2 މީހަކު ވަކިކުރި މައްސަލަ
– އެމްއެންޑީއެފްއިން ވަކިކުރި 3 މީހެއްގެ މައްސަލަ
– ފުލުހުންގެ ވަޒީފާއިން ވަކިކުރި 7 މީހެއްގެ މައްސަލަ
– ކާޑެއްދޫ އެއާޕޯޓުން ވަކިކުރި 5 މީހެއްގެ މައްސަލަ
– ކަރެކްޝަންގެ ވަޒީފާއިން ވަކިކުރި މީހެއްގެ މައްސަލަ
– ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މީހެއްގެ މައްސަލަ
ބަންޑާރަ ނައިބް ވިދާޅުވީ މިމައްސަލަތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވަނީ ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ކޯޓުން ބޭރުން ކުރެވުނު މަޝްވަރާތަކަށް ފަހުގައިކަމަށެވެ. ސަރުކާރުން ބަދަލު ދިނުމުގައި އަމަލުކުރާ ގޮތަކީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުރެވޭ ހުކުމްތަކަށް ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ މައްސަލަތަކުގައި ކޯޓުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަތައް ނިންމުމަކީ ސަރުކާރަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަށްވުމުން ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާދޭންޖެހެނީ ދައުލަތުގެ އެކި އިދާރާތަކުން ހެދޭ ގޯސްތަކުގެ ސަބަބުންކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި މިފަދަ ގޯސްތައް ހަދާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް މިހާރު ގެނެސްފައިވާކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ ގޯސް ހަދާފައިވާ މީހުންނާއިމެދު ދައުވާ އުފުލި ބެލެމުންދަކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ