ގެއަކަށް ވަދެ، ބިރު ދައްކާ، އަންހެނެއްގެ އިނގިލި ބުރިކޮށްލި މައްސަލާގައި ގއ.ވިލިނގިލިން މިދިޔަ މޭ މަހު ހައްޔަރުކުރި ގ. ޗެރީ ހައުސް، އަލީ ހަސަން، 35، ގެ މައްޗަށް ދައުވާ ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފިއެވެ.
އޭނާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާ އިރު، އެ ދައުވާތައް ސާބިތު ވެއްޖެނަމަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:
– އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
– ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
– އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ
މިދިޔަ މޭ މަހު އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން 150 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމް ކުރިއެވެ. މީގެ އިތުރުން ޝަރިއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ޕީޖީ އޮފީހުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުން އެދި މިމަހުގެ 7ވަނަ ދުވަހު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އަޑުއެހުން މި މަހުގެ 13ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ